ގައުމީ ޔުނިވަސިޓީގެ 25 ޒުވާނަކު އެމްޑީޕީގެ ޒުވާނުންގެ ހިއްވަރާ އެކު "ސްޓޫޑެންޓް އިންޓްރަސްޓް ގްރޫޕެއް" އުފެއްދުމަށް ނިންމައިފި އެވެ.
"އަސްކަނި" ގެ ނަމުގައި ހަރަކާތްތެރިވާން އެދޭ ޔުނިވަސިޓީގެ މި ޒުވާނުން އެމްޑީޕީއަކީ އިސްލާހަށް މަސައްކަތް ކުރާ އަދި ރާއްޖޭގައި ޑެމޮކްރަސީ ޤާއިމް ކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ހަމަ އެކަނި ޕާޓީ ކަމަށް ބުނެ އެމްޑީޕީގެ ޒުވާނުންގެ ހިއްވަރާ އެކު "ސްޑޫޑަންޓް އިންޓްރަސްޓް ގްރޫޕެއް" އެފެއްދުމަށް ނިންމީ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ރައީސް އައިމިނަތު ޝައުނާ ވިދާޅުވީ ޔުނިވަސިޓިގެ މި ޒުވާނުން އެމްޑީޕީ އާ އެކު މަސައްކަތް ކުރުމަށް ނިންމައި އެ މީހުން ބޭނުންވާ ގްރޫޕް އުފެއްދުމަށް މަސައްކަތް ފަށައިފި ކަމަށެވެ. މި އިންޓަރަސްޓް ގްރޫޕްގެ ފައުންޑަރު މެމްބަރުންގެ ގޮތުގައި ތިބޭނީ ފުރަތަމަ ގުޅުނު 25 ޒުވާނުން ކަމަށް ވިދާޅުވެ ޝައުނާ އިތުރަށް ވިދާޅުވީ އެ ގްރޫޕުން ހާމަ ކުރި ގޮތުގައި އެ މީހުންގެ މި ނިންމުމަކީ އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން މި ވިގުތު ރާއްޖޭގައި ޒުވާނުންނަށް ބޭނުންވާ ކަންކަމަށް މަގު ހޯދައި ދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަން ޤަބޫލުކުރެވި، އެ ޕާޓީއާ އެކު މަސައްކަތް ކުރަން ނިންމީ ކަމަށެވެ.
"އެ މީހުން ބުނަމުން އައީ، ދިވެހި ޒުވާނުންނަށް މިއަދު އެންމެ މުހިއްމު ކަމަކީ ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި އެކަށީގެންވާ ތަމްރީނު ހޯދައިދިނުން ކަމަށް. އަދި ހަމައެއާ އެކު ޒުވާނުންނަށް މިއަދު އެންމެ މުހިއްމު އަނެއް ކަމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަލުން މުޖުތަމަޢަށް ނެރެ ޒިންމާދާރު ބައެއް އުފެއްދުން ކަމުގައި އެ މީހުން ޤަބޫލު ކުރުން،" ޝައުނާ ވިދާޅުވި އެވެ. "އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް އަތްފޯރާ އަގުގައި ފޯރުކޮށް ދިނުމަކީ މިއަދު ދައުލަތުން ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް ކަމުގައި ޤަބޫލު ކުރާ ކަމަށް. އަދި މިކަންކަމަށް ވިސްނައި މިހާތަނަށް ވެސް މިދެންނެވުނު މައްސަލަތަކަށް ޙައްލު ގެނައުމަށް އިޚްލާސްތެރި ކަމާއެކު އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރުގައި މަސައްކަތްކޮށްފައިވާކަން ޤަބޫލު ކުރާ ކަމަށް. އަދި ދެންނެވުނު ކަންކަމުގައި ވިސްނުންތެރިކަމާ އެކު ސިޔާސަތު ހަދައި ރޭވުންތެރިކަމާ އެކު މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާތަން އަންނަނީ ބަލަމުން ކަމަށް."
“އަދި މިކަންތައްތަކަށް ރިޢާޔަތްކޮށް ޒުވާނުންގެ އުންމީދުތައް އެންމެ ފުރިހަމަ ގޮތުގައި ހަގީގަތަކަށް ހެދޭނީ އެމް.ޑީ.ޕީއާއެކު މަސައްކަތްކޮށްގެން ކަމުގައި ޤަބޫލުކުރާކަމަށެވެ. އަދި އެމް.ޑީ.ޕީގެ ސިޔާސަތުތައް އެކުލަވާލުމުގައާއި ރިސާރޗް ހެދުމުގައާއި ވޮލަންޓިއަރުން ހޯދުމުގައި އެމް.ޑީ.ޕީއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އެމީހުން ދިނެވެ. “
އެމްޑީޕީގެ ޒުވާނުންގެ ހިއްވަރާއެކު މަސަޢްކަތް ކުރަން ބޭނުންވާ އެކި ގްރޫޕްތަކަށާއި، އެކި ދާއިރާތަކުގެ ތަފާތު ފަންނާނުންނަށްވެސް މަރަޙަބާ ކިޔާކަމަށް ޝައުނާ ވިދާޅުވިއެވެ.