ޚަބަރު

ރިޒުޤު ދެއްވަނީ ސުޕްރީމް ކޯޓުގެ ހުއްދައަކުން ނޫން: ސިރާޖް

ޤާނޫނީ ވަކީލް މޫސާ ސިރާޖް

ޝަރުޢީ ދާއިރާގެ އިސްލާޙަށް ގޮވައިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށްފައިވާ 56 ވަކީލުންނަށް މާތް ރަސްކަލާނގެ ރިޒުޤު ދެއްވަނީ ސުޕްރީމް ކޯޓުގެ ހުއްދައަކުން ނޫން ކަމަށް ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލްކުރި 56 ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިރާޖު މިހެން ވިދާޅުވީ ސަންގު ޓީވީ އަށް ދިން އިންޓަވިއުއެއްގައެވެ.

ސިރާޖު ވިދާޅުވީ ހުއްދަ ބާތިލް ކުރި ނަމަވެސް ހުރިހާ ވަކީލުން ވެސް ތިބީ ޝަރުޢީ ދާއިރާގެ އިސްލާޙަށް ފެށި މަސައްކަތުގައި ދެމިތިބޭ ގޮތަށް ކަމަށެވެ.

"ރިޒްޤް ދެއްވަނީ މާތް ރަސްކަލާނގެ ސުޕްރީމް ކޯޓުގެ ހުއްދައަކުން ނޫނޭ. ހިތްވަރު ކުރައްވާށޭ، މި ފެއްޓެވި އިސްލާހީ މަސައްކަތުގައި އަޅުގަނޑުމެން އެންމެން ވެސް މިތިބީ ދެމިތިބޭ ގޮތަށް."

ކުރީގެ ނައިބު ރައީސް އަދީބުގެ ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވީ، ވަކީލުންގެ ހުއްދަ ބާތިލްކުރުމަކުން ފަނޑިޔާރުގެ އިން ރިޝްވަތު ނުނަގާ ކަމަށް ނުވާނެ ކަމަށާއި އަދި ޤާނޫނުތަކާއި ޚިލާފަށް ހުކުމް ނުކުރާ ކަމަށް ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި 56 ވަކީލުންގެ ހުއްދަ ބާތިލް ކުރުމަކުން ސުޕްރީމް ކޯޓުން ނޫނީ ފަނޑިޔާރުގެ އަކުން ރިޝްވަތު ނުނަގާ ކަމަކަށް ނުވާނެ ، ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ހުކުމްތައް ނުކުރާ ކަމަކަށް ނުވާނެ.ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ވަދެ ކޯޓުތަކުން ސިޔާސީ ހުކުމްތައް ނުކުރާ ކަމަކަށް ނުވަނެ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުން ސިޔާސީ ދައުވާތައް ނުކުރާ ކަމަކަށް ނުވާނެ އެޓާނީ ޖެނެރަލް އޮފީހުން އެޓާނީ ޖެނެރަލްގެ ފަރާތުން ޤާނޫނާއި ޚިލާފަށް ކަންތައް ނުކުރާ ކަމަކަށް ނުވާނެ." ސިރާޖު ވިދާޅުވިއެވެ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ، ޝަރުޢީ ދާއިރާގެ އިސްލާޙީ މަސައްކަތަށް ނިކުތީ ހުއްދަ ބާތިލްކުރާނެ ކަން އެނގި ތިބެ ކަމަށާއި އަދި އެ މަސައްކަތުގެ ފަހަތުގައި އިސްލާޙަށް ލޯބިކުރާ ފަނޑިޔާރުން ވެސް އެބަތިބި ކަމަށެވެ.