ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ގާނޫނު 54 ވަކީލުން ސަސްޕެންޑު ކުރީ ގާނޫނާއި ޚިލާފަށް ކަމަށާއި އެކަން ކުރި ބަޔަކު ހޯދައި ހައްޔަރުކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހި ފުލުހުންނަށާއި ސިފައިންނަށް ގޮވާލައިފިއެވެ.
ގާޒީއަކު ހައްޔަރުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށް، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ ޑީޖޭއޭއިން 54 ވަކީލަކު ޕެޓިޝަނެއް ހުށައެޅުމުގެ ސަބަބުން ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.
ވަކީލުން ސަސްޕެންޑު ކުރިކަން އިއުލާން ކުރަމުން ޑީޖޭއީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް އެއްވުމާއި ގުޅިގެން 54 ވަކީލުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ 54 ވަކީލުންގެ ތެރެއިން އެދުވަހު ސުޕްރީމް ކޯޓު ކައިރިއަށް ގޮސްފައިވަނީ 21 ވަކީލުންކަން ފާހަގަކޮށްލެވެއެވެ.
ޑީޖޭއީ އިން ނެރުނު ބަޔާނުގައި ގާނޫނާއި ޚިލާފަށް ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އޭގައި ސޮއިކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.