މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ ނިކަމެތި މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަށް ރާއްޖެ ޓީވީއިން ހުޅުވާލި ފަންޑު ފޮށްޓަށް މިހާތަނަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ރާއްޖެ ޓީވީއިން ބުނެފިއެވެ.
ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯން ރޭގެ 8:30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ނަމަވެސް ގިނަ ބަޔެއްގެ އެދުމުގެ މަތިން ރާއްޖެ ޓީވީން ވަނީ ޓެލެތޯން ގެ މުއްދަތު އިތުރުކޮށްފައެވެ.
ރާއްޖެ ޓީވީން 30 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޓެލެތޯންގައި 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ބެލުންތެރިންނަށް އެސްއެމްއެސް މެދުވެރިކޮށް އަދި އެކައުންޓަށް ޖަމާކޮށްގެންވެސް އެހީ ވެދިނުމުގެ ފުރުސަތު ހުޅުވާލިއެވެ. އަދި ފަންޑު ފޮށްޓަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތުވެސް ރާއްޖެ ޓީވީން ވަނީ ހެޔޮ އެދޭ ފަރާތްތަކަށް ހުޅުވާލާފައެވެ.
މިޔަންމާ ދޫކޮށް ބަންގާޅަށް އެތެރެވެފައިވާ ރޮހިންޔާ ރެފިއުޖީންގެ އަދަދު 5 ލައްކައަށް ވަނީ މިހާރު އިތުރުވެފައެވެ. ރެފިއުޖީ ކޭމްޕުތަކުގައި އެމީހުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.