ވިލާތުގެ ފަސް ގައުމަކުން ރާއްޖެއަށް ކުކުޅު ބިސް އެތެރެ ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނިންމައިފިއެވެ.
ބިސް އެތެރެކުރުން ހުއްޓާލާފައިވާ ފަސް ގައުމަކީ ބެލްޖިއަމް، ނެދަލެންޑްސް، ފްރާންސް، ޖާމަނީ އަދި ޕޮލެންޑެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ މި ފަސް ގައުމުން ބިސް އެތެރެކުރުން ހުއްޓާލާފައިވަނީ އިންސާނުންނަށް ގެއްލުންވާ މާއްދާއެއް އެގައުމުން އެތެރެކުރާ ބިހުގައި ހުންނަކަން ފާހަގަ ކުރެވިގެން ކަމަށެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެގައުމުތަކުން އެތެރެކުރާ ބިހުގައި ޕިޕްރޯނިލް" ޕެސްޓިސައިޑް އިން ތަޣައްޔަރުވެފައިވާ ކަމަށެވެ. އެއީ ފިޕްރޯނިލް އަކީ ބައެއް ޖަނަވާރުތަކުގައި އަޅާ ސޫފި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. އަދި އެއީ އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއްވެސް މެއެވެ.
އެހެންކަމުން މިހާރު މި ފަސް ގައުމުން އެތެރެކޮށްފައިވާ ބިސްތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެފްޑީއޭއިން ހާމަކޮށްފައިވެއެވެ.