ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ކެފޭއެއްގައި އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލުމުގެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް އަނެއްކާވެސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޒުވާނާ އަކީ ގ. ޝާރާޒް، މުހައްމަދު މަފާޒު އެވެ.
އިއްޔެ އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، މަފާޒަކީ މީގެ ކުރިން މޮނިކޮން އަމުރުގެ ދަށުން ފައިގައި ޓެގު އަޅުވާފައި ހުރި މީހެކެވެ. އެ އަމުރާ ޚިލާފު ވުމުގެ ސަބަބުން މަފާޒު ވަނީ ޖަލަށް ލާފައެވެ. އަދި އެ މައްސަލައާއި ގުޅިގެން މަފާޒުގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.
އެހެންނަމަވެސް، އެ މައްސަލައިގެ ޝަރީޢަތް އަދި ނިމިފައި ނުވާތީ، ޝަރީޢަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބެހެއްޓުމަށް ކޯޓުން ވަނީ މީގެ ކުރިންވެސް އަމުރުކޮށްފަ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މަފާޒަކީ މީގެ ކުރިންވެސް ޖިނާއީ ތަފާތު އެކި އެކި ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.