Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

"އިގްތިސާދީ، ސިޔާސީ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ޖެހޭ"

އަންހެނުންނަކީ މުޖުތަމައުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި އެ މީހުންގެ ހައްގުތައް ލިބިދޭން ޖެހޭ ކަމަށާއި އިގުތިސާދީ އަދި ސިޔާސީ ވާހަކަ ވެސް ދެއްކުމުގެ ފުރުސަތު އަންހެނުންނަށް ލިބި ދޭން ޖެހޭ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ފާހަގަ ކުރި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޭޔަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންހެނުންނަކީ ކޮންމެ މުޖުތަމައެއްގަ ވެސް ނުހަނު މުހިއްމު ދައުރެއް އަދާ ކުރާ ބައެއް ކަމަަށެވެ.

"އެ މީހުންނަކީ އަގު ހުރި އަންހެން ދަރިން. އެކުވެރިން. ހަޔާތް ހިއްސާ ކުރާ ދިރިއުޅުމުގެ ބައިވެރިން. އެއް ހަމައެއްގައި ފައިތިލަ ސާބޮތުކޮށް ކޮނޑާއިކޮނޑު ހަމަކޮށް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިގެންވާ ހީވާގީ މަސައްކަތްތެރިން. ހުނަރުވެރިން. މުދައްރިސުން. އަދި މާދަމާގެ ޖީލުތައް ތަރުބިއްޔަތުކޮށް ގައުމުގެ ކުރިމަގު ކޮށަން ޖާނާއި މާލުން ގުރުބާންވާން ތިބި މައިން،" ބަޔާނުގައިވެ އެވެ. "އަންހެނުންގެ ހައްގުތަކަށް ރައްކާތެރިވެ އެ މީހުންގެ ތަރައްގީ އަށް މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަރުދީ ވާޖިބެއް. އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވެ، އިޖުތިމާއީ ހަމަޖެހުމާއި ގައުމުގެ ތަރައްގީއަށްޓަކައި އެޅޭނެ މުހިއްމު ފިޔަވަޅެއް. އަޅުގަނޑުގެ އިލްތިމާސަކީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އެ ކަނބަލުން ވާގިވެރިކުރުވުމަށްޓަކައި އިތުރު މަސައްކަތްތަކެއް ދިވެހި ސަރުކާރުންނާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރުން. އަދި މުޖުތަމައުގެ ބައިވެރިވުމާއި ސިޔާސީ އަދި އިގްތިސާދީ ކަންކަމުގައި ވާހަކަ ދެއްކުމުގައި އެ ކަނބަލުންނަށް ލިބިދޭން ޖެހޭ ފުރުސަތުތައް ފުޅާކޮށް ދިނުން."