މުނިފޫހިފިލުވުން

"ދިޔާ އޯރް ބާތީ ހަމް" ގެ ތަރި އަނަސް ކައިވެނިކޮށްފި

ރާއްޖޭގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ޓީވީ ސިލްސިލާ "ދިޔާ އޯރް ބާތީ ހަމް" ގެ ފިރިހެން ލީޑް ސޫރަޖްގެ ބައި ކުޅޭ އެކްޓަރު އަނަސް ރާޝިދް އޭނާގެ ލޯބިވެރިޔާ ހީނާ އިޤްބާލް އާއި ކައިވެނި ކޮށްފި އެވެ.

މިއަހަރުގެ އޭޕްރީލް މަހު އަނަސް އާއި ހީނާ ވަނީ އެންގޭޖްވެފައެވެ. އަދި އެ ދެ ލޯބިވެރިން އެކުގައި ޒަވާޖީ ހަޔާތް ފަށާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 9 ވީ ހޮނިހިރު ދުވަހު އެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަނަސް ބުނީ މިހާރު އޭނާގެ ހިތްހަމަޖެހިއްޖެ ކަމަށާއި، ދިރިއުޅުން ފުރިހަމަ ވެއްޖެ ކަމަށެވެ.

އެ ކައިވެނި އޮތީ އަނަސްގެ އުފަން ރަށް ކަމަށްވާ ޕަންޖާބްގެ މަލޭރްކޯޓްލާގަ އެވެ.

ކައިވެނީގެ އެއްވެސް ފޮޓޯ އެއް އަނަސް އާންމުކޮށްފައި ނުވިނަމަވެސް، އޭނާގެ ކައިވެނީގެ ގިނަ ފޮޓޯތަކެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކައިވެނީގެ ހަފްލާގައި އަނަސް ލައިގެން ހުރީ އޮފް-ހުދު ކުލައިގެ ޝޭރްވާނީ އެކެވެ. އަދި އޭނާގެ އަންހެނުން ހީނާ ލައިގެން ހުރީ ފިޔާތޮށި އަދި ކަނޑުފެހި ކުލައިގެ ލެހެނގާއެކެވެ.

އެ ދެމަފިރިންގެ ކައިވެނީގެ ހަފްލާގައި ދެފަރާތުގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ރައްޓެހިން ބައިވެރިވި އެވެ.

ހީނާ އިޤްބާލް އަކީ ޗަންދީގަރް އަށް ނިސްބަތްވާ ކޯޕޮރޭޓް ޕްރޮފެޝަނަލް އެކެވެ. އޭނާ އަކީ 38 އަހަރުގެ އަނަސް އަށްވުރެ އުމުރުން 14 އަހަރު ހަނގު މީހެކެވެ.

އެ ދެމަފިރިންގެ ކައިވެނި ޕާޓީ ބާއްވާފައި ވަނީ ސެޕްޓެމްބަރު 10 ގައެވެ.