ޚަބަރު

ގާސިމްގެ ފަރުވާގެ މުއްދަތު އިތުރެއް ނުކޮށްދިން

ބޭސް ފަރު ވާއަށް ސިންގަޕޫރަށް ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސެސް އިން އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި ގާސިމްގެ ފަރާތުން ދަރިކަލުން ޔަގްސާން ގާސިމް ސޮއިކުރައްވައި ކަރެކްޝަންސް އަށް ފޮނުވި ސިޓީގައި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ގާސިމް ބައްލަވާ ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހު ގާސިމްގެ ސިއްހީ ފަރުވާއަށް ބޭނުންވާ އެންޖިއޯ ޕްލާސްޓީއެއް ހެދުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ކަރެކްޝަންސްއިން ގާސިމްގެ އާއިލާއަށް ޖަވާބުގައި ފޮނުވި ސިޓީގައި ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކުށް ސާބިތުވެ 3 އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާދިނުމަށް ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ސަރުކާރުން ގާސިމް ބޭރަށް ނުފޮނުވައި ލަސް ކޮށްފައިވާއިރު މެޑިކަލް ބޯޑުން ތިން ހަފްތާއަށް ފޮނުވާ ދިނުމަށް އެދުމުން ކަރެކްޝަންސް އިން ހުއްދަ ދީފައިވަނީ އެންމެ 10 ދުވަހަށް ބޭސްފަރުވާ ކުރުމަށް ފޮނުވުމަށެވެ.