ޚަބަރު

"ދުނިޔޭގެ ލޮލުގައި އަޅުވާ އަނދުނަކަށް ސިޔާސީ މަޝްވަރާ ނަހަދާ"

ދިވެހި ސަރުކާރުގެ މާލީ ދަތިކަން ފިއްލެވުމަށް ބޭރުގެ ފަރާތްތަކުގެ ލޮލުގައި އަޅުވާ އަނދުނަކަށް ސިޔާސީ މަޝްވަރާތައް ނުހައްދައިވައި އިޚުލާސްތެރިކަމާއެކު މަޝްވަރާކުރުމަށް އައުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ، ޑރ. ޝައިނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ސަރުކާރާއެކު މަޝްވަރާގެ މަޖިލީހަށް އައުމަށް ދައުވަތު އަރުވައި، ގައުމީ މައްސަލަތައް ހުށައެޅުމަށް 7 ދުވަހުގެ މުހުލަތެއް ދިނެވެ.

ނަމަވެސް 7 ދުވަސް ވެގެންދިޔައިރުވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ދައުވަތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ، މިއަދު އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައި އަނެއްކާވެސް އިދިކޮޅު ލީޑަރުންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށްފަހު މަޝްވަރާކުރުމަށް އައުމަށް ގޮވާލާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްގުތައް ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައިގަމުން އަންނަ ކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުއްޓުވައި ސިޔާސީ ދައުރު ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ޤާނޫނާއި ޚިލާފަށް ހިފަހައްޓާފައިވާ ކަމަށްވެސް ބުނެ ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އަދި ވައްކަމާއި ކޮރަޕްޝަނުގެ އަޑީގައި ރައީސް ޔާމީން ހުންނަވައި އެކަމަށް ހިތްވަރު ދެމުން އަންނަ ކަމަށާއި ސަރުކާރުގެ ތެރޭގައި އެކަން އާލާކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ބަޖެޓެއް ފާސްކޮށްފައިވާއިރު އެފައިސާއަށް ހެއްދެވި ނުހެއްދެވިއެއް އެނގެން ނެތްއިރު އެބަޖެޓުގައިވާ މަޝްރޫއުތައް ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރުން ކުރަން ޖެހޭ މަޝްވަރާއެއް ނެތް ކަމަށް ބުނެ ސަރުކާރުގެ ދައުވަތު ގަބޫލުނުކޮށް އަނބުރާ ފޮނުވާލާފައެވެ.