ހުވަދު އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ކުންފުނި، ހަތާ މޯލްޑިވްސްގެ ފަރާތުން ގދ. ތިނަދޫގައި ޕެޓްރޯލް އާއި ޑީސަލް ވިއްކާ ޝެޑެއް ހުޅުވައިފިއެވެ.
ތިނަދޫ ބަނދަރު ސަރަހައްދުގައި ހުޅުވި މި ޝެޑަކީ ތިނަދޫގައި ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހުޅުވި ފުރަތަމަ ޝެޑެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ޕެޓްރޯލް ޝެޑް ރަސްމީކޮށް ހުޅުވައިދެއްވީ ދިރާގުގެ ހުވަދު އަތޮޅު އޮޕަރޭޝަންސް މެނޭޖަރ މުންތާޒު ހުސައިނެވެ.

ޝެޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަތާ މޯލްޑިވްސްގެ އިސްވެރިންނާއި ތިނަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ. ހަތާ މޯލްޑިވްސް އިން ޝެޑެއް ހުޅުވުމުގެ ކުރިން ތިނަދޫގައި ގެންގުޅޭ ވެހިކަލްތަކަށް ތެޔޮއަޅާ ދިނުމުގެ ހިދުމަތް ފޯރުކޮށްދެމުން އައީ ބައުޒަރު މެދުވެރިކޮށެވެ.

ހަތާ މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފެށުމުން ތިނަދޫގައި ވެހިކަލް ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށެވެ.
ހަތާ މޯލްޑިވްސް ކުންފުންޏަށް 15 އަހަރު ފުރުނު ރަސްމިއްޔާތާއި ދިމާކޮށް ހުޅުވި މި ޕެޓްރޯލް ޝެޑާއި ޖެހިގެން ވަނީ ދިރާގުގެ ޕާޓްނާރ ޝޮޕެއް ވެސް ހުޅުވާފައެވެ.

ހަތާ މޯލްޑިވްސް އަކީ، 2002 ވަނަ އަހަރުން ފެށިގެން ހުވަދޫ އަތޮޅުގައި އެންމެ ފުޅާކޮށް ޕެޓްރޯލް އަދި ޑީސަލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކުންފުންޏެވެ. އެކުންފުނިން ގެންދަނީ ތިނަދޫގެ އިތުރުން ގއ. ވިލިނގިލީގައި ވެސް ތެލުގެ ވިޔަފާރި ކުރަމުންނެވެ.
މީގެ އިތުރުން ގއ.ކަނޑުހުޅުދޫގައި ވެސް ތެލުގެ ވިޔަފާރި ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ހަތާ މޯލްޑިވްސް އިން މައުލޫމާތު ދެއްވައެވެ.