ސްޕްރީމް ކޯޓުން ރާއްޖޭގެ 54 ވަކީލަކު ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށާއި އެވަކީލުން މަސައްކަތް ކުރަމުންދިޔައީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުﷲ ހަލީލް ވިދާޅުވީ ވަކީލުންގެ ތެރެއިން އިސް ސަފުން ފެނިގެން ދިޔައީ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ވަކީލުން ކަމަށެވެ.
ހަލީލް ވިދާޅުވީ ވަކީލުން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރައްވަމުން ދަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށާއި، އެފަދަ ވަކީލުންނާއި މެދު ފިޔަޅުވަޅު އަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.
ހަލީލު ވިދާޅުވީ އެފަދަ ވަކީލުން ސަސްޕެންޑް ކުރުމަކީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)އިން ގައުމަށްޓަކައި ނިންމެވި ވަރަށް މުހިއްމު ނިންމުމެއްކަމަށެވެ.
މީގެ އިތުރުންވެސް ހަލީލި ވިދާޅުވީ ޖުޑިޝަރީގައި މައްސަލަ ހުރެއްޖެ ނަމަ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެމަސައްކަތަކީ މަގުމައްޗަށް ނިކުމެ ގައުމު ހަލަބޮލިކޮށްގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެދި 54 ވަކީލަކު ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމާއި ގުޅިގެން އެހުރިހާ ގާނޫނީ ވަކީލުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
ވަކީލުން ސަސްޕެންޑް ކުރުމަށް ސަރުކާރު ހިންގާ ޕާޓީން ތާއިދު ކޮށްފައިވާ އިރު އީޔޫ އަދި އިނގިރޭސިވިލާތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.