ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެދި 54 ވަކީލަކު ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމާއި ގުޅިގެން އެހުރިހާ ގާނޫނީ ވަކީލުން ސަސްޕެންޑް ކުރި ހަބަރު ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޖަހައިފިއެވެ.
ވަކީލުން ސަސްޕެންޑް ކުރުމާއި ގުޅިގެން އީޔޫ އަދި އިނގިރޭސި ވިލާތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު މި މައުލޫމާތު ދަނީ ބޭރުގެ ބޮޑެތި މީޑިއާ ތަކުގައި ފެތުރެމުންނެވެ. އެގޮތުން އިނގިރޭސި ޑެއިލީ މެއިލްގައިވެސް މިހަބަރު ވަނީ ޖަހާފައެވެ. މީގެ އިތުރުންވެސް ބައެއް މީޑިއާތަކުގައި މިވަނީ މިހަބަރު ޖަހާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލައި އެފަރާތްތައް ޖަލަށްލި ހަބަރުތަކާއި ރާއްޖޭގެ މަޖްލިސް ހުއްޓުވި މައްސަލައިގެ ހަބަރުގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާފައިވާ އެންމެ ބޮޑު ކަރަޕްޝަން މައްސަލައިގެ ތަހްގީގީ ރިޕޯޓްތައް ވަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި ޖަހާފައެވެ.
ގާނޫނީ ވަކީލުން ސަސްޕެންޑް ކުރި ހަބަރު ބޭރުގެ މީޑިއާގައި ފެތުރެމުން އަންނަ އިރު އެ ފިޔަވަޅަށް ތާއިދުކޮށް ވެރިކަން ކުރާ ޕީޕީއެމްއިން މިއަދު ވަނީ ނޫސް ކޮންފަރެންސެއް ބާއްވާފައެވެ. ޕީޕީއެމްއިން ބުނީ މި ފިޔަވަޅަކީ ގައުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.