ޚަބަރު

ބޮޑެތި ޓީމުތައް ފެށުން ރަނގަޅުކޮށްފި

ޗެމްޕިއަންސް ލީގު އާސީޒަން ރޭ ފެށުނުއިރު ކުޅުނު މެޗުތައް ނަން މަޝްހޫރު ކުލަބުތަކުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ރޭކުޅެވުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޯ ހުއްޓުނު ބާސާ އަދި ޔުވެންޓަސް ކުޅުނު މެޗު ބާސާއިން ވަނީ 0-3 އިން ކާމިޔާބުކޮށްފައެވެ. ބާސާ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މެސީއާއި ރަކިޓިޗްއެވެ. މެސީގެ ދެ ލަނޑު ފެނިގެން ގޮސްފައިވާއިރު ރަކިޓިޗްގެ ގޯލުގައިވެސް މެސީ ވަނީ ބޮޑު ރޯލެއް ކުޅެފައެވެ.

ޔޫރޮޕާ ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ބޭސެލް ބައްދަލުކުރި މެޗު ޔުނައިޓެޑު ވަނީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފައެވެ. ފެލައިނީ، ލުކަކޫ އަދި ރަޝްފޮޑްގެ ގޯލުތަކުން މޮރީނިއޯގެ ޓީމަށް ހިތްހަމަޖެހުން ލިބިފައިވާއިރު ފެލައިނީއާއި ރަޝްފޮޑް ގޯލު ޖަހާފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުމެކަން ފާހަގަކޮށްލެވެއެވެ.

ރޭ ޕީއެސްޖީއާއި ޗެލްސީ ވަނީ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފައެވެ. ޕީއެސްޖީން ސެލްޓިކް ކޮޅަށް 5 ލަނޑު ވައްދާލާފައިވާއިރު އިނގިރޭސި ޗެމްޕިއަނުން ވަނީ އަޒަރްބައިޖާންގެ ޤަރަބް ކޮޅަށް 6 ލަނޑު ޖަހާފައެވެ. ދެ މެޗުގައިވެސް ބަލިވި ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު ޕީއެސްޖީގެ ލަނޑުތައް ނޭމާ، އެމްބަޕޭ އަދި އެޑީ ކަވާނީގެ ފަރާތުންނެވެ. ޗެލްސީގެ ލަނޑުތައް ބަޓްޝުޔައި، ޕެޑްރޯ، ޒަޕަކޮސްޓާ، އަސްޕިލެކުއެޓާގެ އަދި ބަކަޔޯކޯގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު ބަޓްޝުޔައި ވަނީ މެޗުގެ ފަހު ދެގޯލު ކާމިޔާބުކޮށްފައެވެ.

ބެޔާން މިއުނިކާއި އެންޑަލެޓް ބައްދަލުކުރި މެޗު 0-3 އިން ބެޔާން ކާމިޔާބުކޮށްފައިވަނީ ލެވަންޑޮސްކީ އާއި ތިއާގޯ އަލްކާންޓާރާ އަދި ޖޯޝުއާ ކިމިޗްއެވެ. މެޗުގެ 11 ވަނަ މިނެޓުގައި އަންޑަލެޓްގެ ކުމްސްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލާއިރު ސްޕޯޓިން ވަނީ ރަށުން ބޭރުގައި އޮލިމްޕިއާކޮސް ބަލިކޮށްފައެވެ. އެތްލެޓިކޯ މެޑްރިޑާއި ރޯމާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު ބެންފީކާ އަދި ސީއެސްކޭއޭ މޮސްކޯ ކުޅުނު މެޗު ކާމިޔާބުކުރީ 3-2 އިން މޮސްކޯއެވެ.