ޚަބަރު

ނަން އާންމު ނުކުރީ ވެސް އޮޅުވާލަން: މަހްލޫފް

ހުޅުމާލެ ފްލެޓްތަކަށް ހޮވިފައިވާ 661 މީހުންގެ ލިސްޓު އާންމުކޮށްފައިވާ އިރު ލިބުނު މީހުންގެ ނަން ހާމަނުކުރީ ލިބުނު މީހުންނާއި ނުލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވުމުން މަހްލޫފް ފާޑުވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ޓުވިޓާގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަން ހާމަނުކުރީ އޮޅުވާލަން ކަމަށާއި ފްލެޓުތަކުންވެސް ވައްކަން ކުރެވޭތޯ ބަލަން ކަމަށެވެ. ކުރިންވެސް ލިސްޓުތައް އާންމުކޮށްފައިވާ ކަމަށާއި އެމައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް މަހޭ އިތުރުކޮށްފައިވެއެވެ.

ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓުގައި ނަން ނުހިމަނާ ހައުސިން މިނިސްޓްރީން ވަނީ ފޯމު ނަމްބަރު އެކަނި ހިމަނާފައެވެ. ދެފޯމު ނަމްބަރެއް ތަކުރާރުވެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެގެންދިއުމުން މިނިސްޓްރީން ބުނެފައިވަނީ ނަމްބަރު ތަކުރާރުވެފައިވަނީ އޮޅުމަކުން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ އަމިއްލަ ޓުވިޓާގައި ވިދާޅުވެފައިވަނީ އެކަކަށް ދެ ފުލެޓެއް ނުދޭނެ ކަމަށާއި ފޯމު ނަމްބަރު އެކަނި ލިސްޓުގައި ހިމެނީ ލިބުނު ފަރާތްތަކާއި ނުލިބޭ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރުމަށް ކަމަށެވެ.