ޚަބަރު

ފިލިޕިންސްގެ ހިއުމަން ރައިޓްސް ކޮމިޝަނަށް 20 ޑޮލަރުގެ ބަޖެޓެއް

މަސްތުވާތަކެއްޗާއި ދެކޮޅަށް ފިލިޕިންސްގެ ރައީސް ޑުޓާޓު ފެށި ހަނގުރާމާގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ތަހުގީގުކުރުމަށް އެގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ފެށުމުން އަންނަ އަހަރުގެ ބަޖެޓުގައި އެކޮމިޝަނަށް ދިނުމަށް ކަނޑައަޅާފައި ވަނީ އެންމެ 20 ޑޮލަރެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހިއުމަން ރައިޓްސް ކޮމިޝަނަށް 20 ޑޮލަރު ދިނުމަށް މިހާރު ވަނީ ފާސްކޮށްފައެވެ. ޑުޓާޓުގެ ފުރިހަމަ މެޖޯރިޓީ އޮންނަ މަޖިލީހުން 34 މިލިއަން ޑޮލަރުގެ ބަޖެޓަކަށް އެދުމުން ބުނެފައިވަނީ އެއީ މާ ބޮޑު ބަޖެޓެއް ކަމަށެވެ.

ފިލިޕިންސްގެ ރައީސް ޑުޓާޓު މަގާމާ ހަވާލުވުމަށްފަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން އޭނާގެ ސިޔާސަތުތަކަށް ފާޑުކިޔާފައިވާއިރު އޭނާ ވަނީ ފާޑުކިޔުންތެރިންނަށް އެކި ފަހަރު މަތިން އިންޒާރު ދީފައެވެ. ފިލިޕިންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރުން ހިންގާ ގަތުލުއާންމާމެދު ކަންބޮޑުވުން ފާޅުކޮށް މައްސަލަ ބަލަން ފެށުމުން ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެއީ މުޖުރިމުންގެ ހިމާޔަތުގައި މަސައްކަތް ކުރާ ކޮމިޝަނެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.