ޚަބަރު

އިރްމާގައި ފްލޮރިޑާގެ ހަތަރުބައިކުޅަ އެއްބައި ގެތައް ސުންނާފަތި

getty

ތޫފާން އިރްމާގައި އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ %25 ގެތައް ސުންނާފަތިވެ ބިމާއި ހަމަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބާރު ވައި ވަނީ ބައެއް ގެތައް ބިމުން ނަގާ ހިއްލާލާފައެވެ. ތޫފާނުން ސަލާމަތްވުމަށް ފްލޮރިޑާ ދޫކޮށްދިޔަ އެތައް ހާސް ރައްޔިތުންނެއް އެނބުރި އައީ ސުންނާފަތިވެފައިވާ ގެތަކަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާދަމާ ފްލޮރިޑާއަށް ދަތުރުކޮށް، ރައްޔިތުންގެ ހާލު ބެލުމަށް ވަނީ ހަމަޖެހިފައެވެ. ރެސްކިއު ޕާޓީތަކުން އަންނަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކަށް ކާނާއާއި ފެން އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 90،000 ވަރަކަށް ރައްޔިތުން ވަނީ ތޫފާނުން ސަލާމަތްވުމަށް ފްލޮރިޑާ ދޫކޮށް ގޮސްފައެވެ. މީހުން އެނބުރި އަންނަން ފެށި ނަމަވެސް އަދިވެސް އާންމު ހާލަތަށް ފްލޮރިޑާ ރުޖޫއަ ވެފައެއް ނުވެއެވެ. މޫދު ކައިރީ ގިނަ ޕެޓްރޯލް ސްޓޭޝަންތަކާއި ފިހާރަތައް ބަންދުކޮށްފައިވާއިރު ފޯނު ސިގްނަލްވެސް އެސަރަހައްދަށް ރަނގަޅަށް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ތޫފާން އިރްމާގައި 18 މީހަކު މިހާތަނަށް މަރުވެފައިވާއިރު އެތައް ހާސް ބަޔެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އެމެރިކާއަށް ފަހުގެ ތާރީހުގައި އެރި އެންމެ ވަރުގަދަ އެއް ތޫފާނަށް އިރްމާ ވަނީ ވެގެންގޮސްފައެވެ.