އުމުރުން އަށް އަހަރުގެ ކޮއްކޮގެ ބޮލުގައި ގާ ބުރިއަކުން ޖަހައި އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މީހަކު ހަ މަހަށް ޖަލަށް ލުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަރީައތުގައި ކޮއްކޮގެ ބޮލުގައި ގާ ބުރިއަކުން ޖެހި ކަމަށް އިއުތިރާފުވުމާ ގުޅުގެން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ރަށު ދަނޑަގޭ މުހައްމަދު އަފްޒަލް ޒުބޭރު، 19، ގެ މައްޗަށެވެ. އޭނާ ކޮއްކޮގެ ބޮލުގައި ގާ ބުރިއަކުން ޖަހައި، ނުކިޔަމަންތެރިކަން ދައްކާފައި ވަނީ ޖުލައި 13، 2009 ގަ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި އަފްޒަލްގެ މައްޗަށް ދައުވާކޮށް ދިނުމަށ އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ފޮނުވާފައި ވަނީ ޖުލައި 5، 2012 ގަ އެވެ.