ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފްގެ މައްސަލައެއް ހައިކޯޓުގައި އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރިޝްވަތު ދިން ކަމަށް ބޭނުންވާ ވަރަށް ހެކި ލިބިފައިވާ ކަމަށްބުނެ ފުލުހުން ފާރިސް ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް އެދި ހައިކޯޓަށް ފާރިސްގެ ވަކީލުން ހުށައެޅި މައްސަލައަށް ގިނަ ދުވަސްވެފައިވަނިކޮށް ހޯމަ ދުވަހަށް މައްސަލަ މިހާރު ވަނީ ތާވަލުކޮށްފައެވެ.
ފާރިސް ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ދޮގުކޮށްފައެވެ. ރިޝްވަތު ނުދޭ ކަމަށާއި ހެއްކެއް ވެސް ނުހުންނާނެ ކަމަށް ތަކުރާރުކޮށް ހައްޔަރުކުރުމުގެ ކުރިން ފާރިސް ވަނީ ވިދާޅުވެފައެވެ.
ރިޝްވަތު ދިންކަމަށް ތުހުމަތުކޮށް ފުލުހުން ފާރިސް ހައްޔަރުކުރި ނަމަވެސް ލިޔެކިޔުން ހަވާލުކުރިއިރު ދައުލަތުން ދައުވާކޮށްފައިވަނީ ރިޝްވަތު ހިފިކަމުގެ ދައުވާއެވެ. ދައުލަތުން ފަހުން ވަނީ ދައުވާ އަނެއްކާވެސް ބަދަލުކޮށްފައެވެ.