ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދުވަސްވަރު އަރިދަފުސް ރޯނގާ އަދި ވައިރަލް ހުން ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން އަންގައިފިއެވެ.
ސާފުތާހިރު ކަމަށް އިސްކަންދީގެން ކިނބިހި އެޅޭއިރު ޓިޝޫ ނުވަތަ ރުމާލެއް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް ގޮވާލާފައެވެ. އަދި ރޯގާ ޖެހުމުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އޭޖެންސީން ވަނީ ގޮވާލާފައެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހުމުން ދިޔާ ތަކެތި ބޭނުން ކުރުމަށާއި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް ހަނދާންކޮށްދީފައިވެއެވެ.
މިދުވަސްވަރަކީ ހައްޖަށް ދިއުމަށް ފަހަށް ގިނަ ބަޔަކު އެނބުރި ރާއްޖެ އަންނަ ދުވަސްވަރަށް ވެފައި އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަރިދަފުސް ރޯނގާ ފެތުރެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.