ކިރިޔާވެސް ވާރޭ ފެންފޮދެއް ވެހިއްޖެނަމަ ހިތަދޫގެ އެކި ސަރަހައްދުގައި ފެންބޮޑުވެ، އެތައް ގެއަކަށް ފެންވަދެ ގެއްލުމާއި ކުރިމަތިލާން ޖެހެއެވެ.
ހިތަދޫގައި ފެންބޮޑުވަނީ ރަށް ގުދުރުތީ ގޮތުން އުފެދިފައިވާ ގޮތުން ރަށުގެ ހުޅަނގު ފަރާތް އުސްކޮށް އޮވެފައި ރަށުގެ އިރުމަތީ ފަރާތަށް ތިރިކޮށް އޮތުމުގެ ސަބަބުން ރަށަށް ވާރޭ ވެހޭ އިރު ފެންބޮޑުވެ އެ ފެންގަނޑު ލިންކު ރޯޑާއި ހިސާބުން ބްލޮކުވާތީއެވެ. މިކަމަށް ހައްލު ހޯދުމަށް އެކި ސަރަހައްދުތަކުގައި މޫދަށް ފެން ބޭރުވާ ގޮތަށް ޖަންކްޝަން ހެދި ނަމަވެސް ގިނަ ފަހަރު އެތަން ތަން ހުންނަނީ ބްލޮކް ވެފައެވެ. އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި އެ ޖަންކްޝަނުން ރަށުތެއަށް ލޮނު އަރާ މައްސަލަވެސް އޮންނަނީ ބޮޑުވެފައެވެ.
މި މައްސަލައަކީ އެއްވެސް ސަރުކާރަކުން ހައްލު ކުރުމަށް މިހާތަނަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމެއް ނޫނެވެ.
ވާރޭ ވެހެން ފަށާތާ ގަޑިއެއްހާ އިރުތެރޭގައި ހިތަދޫގައި ފެނަކަ އޮފީސް ހުންނަ މަގާއި، އުރީދޫ އޮފީސް ހުންނަ މަގުގެ އިތުރުން ޒިޔާރަތްފަންނު މަގާއި ލިލީ މަގުން ލިންކް ރޯޑަށް ދާން އޮންނަ މަގުގައި ފެން ޖަމާވެ، އެހިސާބުތަކުގެ ގެތަކަށް ފެނުގެ ނުރައްކާ ކުރިމަތިވެއެވެ.
މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަބަދުވެސް ފެންނަނީ ސިފައިންނާއި އެމްއާރްޑީސީ އަދި ހައުސިންގެ މުނިސިޕަލް މުވައްޒަފުން ނެރެގެން ޕަންޕު ބަހައްޓައިގެން ފެން ހިއްކާތަނެވެ. އަދި އެހިސާބުތަކުގެ ގެތެކަށް ފެންނުވަންނާނެ ގޮތަށް ސިފައިން ނެރެ ވެލި ބަސްތާ ޖަހާތަނެވެ.
މި މައްސަލަ އާއި ގުޅިގެން ކަމުގެ މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުން މިކަމަކީ ކުޑަ ހަރަދަކުން ސަރުކާރަށް ދާއިމީ ހައްލެއް ހޯދައި ދެވިދާނެ ކަންކަމެވެ. ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީގައި މިކަން ހައްލު ކުރެވޭނެ މުވައްޒަފުންނާއި މެޝިނަރީ އެެބަހުއްޓެވެ. މިކަމަށް ހަރަދު ކުރާނެ ފައިސާ ދައުލަތުގައި އެބަ ހުއްޓެވެ. ނެތީ މިކަން ހައްލު ކުރާނެ އިހްލާސްތެރިންނެވެ.
ފެން ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރުން މިހާރަށްވެސް ހިތަދޫ އަމީނީ މަގުން ލިންކު ރޯޑާއި ދިމާލަށް ޖަންކްޝަނެއް ބަހައްޓައި، ލިންކު ރޯޑު ހުރަސްކޮށް ފެން ބޭރު ކުރެވޭނެ ގޮތަށް ހޮޅު ހަޅައިފިނަމަ ޔުނިވާސިޓީ ކެމްޕަސް ސަރަހައްދުގައި ޖަމާވާ ފެންގަޑު ހިންދާލެވޭނެއެވެ. މި ސަރަހައްދަކީ އަބަދުވެސް ފެން ޕަމްޕް އަޅައިގެން ހިއްކާ ސަރަހައްދެކެވެ.
މީގެ އިތުރުން ސިޓީ ބާޒާރު އަދި ރޮޔަލް ޕްލަސް ސަރަހައްދާއި، އުރީދޫ އޮފީސް ހުންނަ ސަރަހައްދުގައިވެސް ހޮޅި އަޅައިގެން ފެން ބޮޑުވުން ކޮންޓްރޯލް ކުރެވިދާނެއެވެ.
ނަމަވެސް މިކަން މިގޮތަށް ކޮށް ރައްޔިތުންނަަށް ކުރިމަތިވެފައިވާ ދަތި ތަކްލީފުތަކުން ހައްލެއް ހޯދައިދޭނެ ވެރިއަކު ނުފެނެއެވެ. މުޅިންވެސް މި ފެންނަނީ އެކަކު އަނެކަކު ކަރަށް ފައިން އަރައި "އަތްޖަހާ" ވެރިންނެވެ.