ޚަބަރު

މައުމޫންގެ އަބުރަށް އަރައިގަތް މައްސަލައެއް ބްރޯޑްކޮމުން ބަލަން ފަށައިފި

ބްރޯޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބް: ފޮޓޯ - މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް ހުތުރުވާފަދަ އެއްޗެއް ޗެނަލް 13 އިން ދައްކާފައިވާ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި ތަހުގީގު ކުރަން ފަށައިފިއެވެ.

ބްރޯޑްކޮމް އިން އަމިއްލަ އިސްނަގައިގެން މިމައްސަލަ ބަލަން ފަށާފައިވާއިރު އެޗެނަލްގެ ޗީފް ލީގަލް އޮފިސަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ވަނީ މިއަދު ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

މިމައްސަލައާ ގުޅޭގޮތުން ޔާމީން ބުނެފައިވަނީ ބްރޯޑްކޮމް އިން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް މައްސަލައެއް ކަމަށެވެ. ޗެނަލް 13 ދިފާއުކުރަމުން ޔާމިން ބުނެފައިވަނީ އެޗެނަލްއިން ދެއްކި ޕްރޮގްރާމަކީ ރައްޔިތުން ހޭލުންތެރިކުމުގެ ގޮތުން ދެއްކި ޕްރޮގްރާމެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބްރޯޑްކޮމްއިން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް މައުމޫނަށް ނިސްބަތްކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދެއްކި މައްސަލައެވެ.

އެފޮޓޯތައް ދެއްކުމުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުމާއި ނުރުހުން ޗެނެލް 13 އަށް އަމާޒުވެ ބްރޯޑްކޮމް އިން ވަގުތުން އެޗެނެލްއަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.