އިންޑިއާގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނަކު ޖަލުން ދޫކޮށްލުމުން، އެ އަންހެން މީހާގެ ގަޔަށް އެސިޑް ޖަހައިފި އެވެ.
ފުލުހުން ބުނާ ގޮތުގައި ތުހުމަތު ކުރެވޭ ދެ ފިރިހެނުންނާއި ދެކޮޅަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް މަނާ ކުރުމުން އެ ދެ ފިރިހެނުންނާއި އިތުރު އެހެން މީހަކު ވެގެން ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އަންހެން މީހާގެ ގަޔަށް އެސިޑް ޖަހާފައެވެ.
އެ އަންހެން މީހާ ރޭޕް ކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ފަތޭހްގަރް ސިޓީގައެވެ. އެ މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރެވުނުއިރު، އޭގެ ތެރެއިން ތިންވަނަ މީހާ ހުރީ އަދިވެސް ޖަލުގައެވެ.
ފުލުހުން ދަނީ މިހާރު އެ ތިން މީހުންގެ ތެރެއިން ދޫކޮށްލި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަންހެން މީހާގެ ގަޔަށް އެސިޑް ޖަހާފައި ވަނީ ތުހުމަތުކުރެވޭ ދެ ފިރިހެނުން ދޫކޮށްލި މައްސަލަ ބަލައި ދިނުމަށް ކޯޓަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.
ސުޕާއިންޓެންޑެންޓް އޮފް ޕޮލިސް ދަޔާ ނަންދް މިސްރާ އާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި އެ އަންހެން މީހާގެ ބަޔާނުގައި ބުނެފައި ވަނީ ތުހުމަތުކުރެވޭ ދެ ފިރިހެނުން ވަނީ އޭނާ ގޮވައިގެން އެކަހެރި ތަނަކަށް ދިއުމަށްފަހު ރޭޕްގެ މައްސަލަ އަނބުރާ ގެންދިއުމަށް ބުނެ ބިރުދައްކާފައި ކަމަށެވެ.
އަދި އޭނާ އެކަމާއި އެއްބަސްނުވުމުން އެމީހުން އޭނާގެ މޫނަށް އެސިޑް ޖެހީ ކަމަށްވެސް އެ އަންހެން މީހާގެ ބަޔާނުގައި ވެއެވެ.
އެސިޑް ޖެހުމުގެ ސަބަބުން އެ އަންހެން މީހާގެ މޫނާއި ހަށިގަނޑުގެ ބައެއް ތަންތަން ވަނީ އަނދާފައެވެ. އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
2012 ވަނަ އަހަރު ދިއްލީގެ ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަށްފަހު އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކަށް ދޭ އަހައްމިއްޔަތުކަން ވަނީ ބޮޑުވެފައެވެ. އެހެންނަމަވެސް އިންޑިއާގެ އެކިއެކި ހިސާބުތަކުން އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ހަމަލާތައް ދޭކަމުގެ މައްސަލަތައް އަދިވެސް ރިޕޯޓް ކުރެވެއެވެ.