ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރު 10 ދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އިތުރުކޮށްދީފި އެވެ.
ސިއްޙީ ހާލުކޮޅު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާ ހޯއްދެވުމަށް ޤާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މީގެ ކުރިން ކަރެކްޝަންސް އިން ޤާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް ނިންމި ނަމަވެސް، އެ ނިންމުން އަލުން މުރާޖާކޮށް ދިނުމަށް ޤާސިމްގެ އާއިލާއިން އެދުމުން އެ މުއްދަތު ވަނީ އިއްޔެ އިތުރުކޮށްދީފަ އެވެ.
ގާސިމްގެ ފަރާތުން ދަރިކަލުން ޔަގްސާން ގާސިމް ސޮއިކުރައްވައި ކަރެކްޝަންސް އަށް ފޮނުވި ސިޓީގައި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ގާސިމް ބައްލަވާ ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށާއި މިމަހުގެ 15 ވަނަ ދުވަހު ގާސިމްގެ ސިއްހީ ފަރުވާއަށް ބޭނުންވާ އެންޖިއޯ ޕްލާސްޓީއެއް ހެދުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެއްވުމަށާއި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ވެސް އިތުރުކޮށް ދިނުމަށް ޤާސިމްގެ ދަރިކަލުން ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސިޓީއާއި އެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީއެއް ވެސް ހުށައަޅާފައެވެ.
ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިން ކުށް ސާބިތުވެ 3 އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު، އެ ޙުކުމް ގޭ ބަންދުގައި ތަންފީޒް ކުރަންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.