Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ފަނޑިޔާރުންނަށް މަރުގެ އިންޒާރު ދިން މައްސަލަ ކުރިއަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގަމުންދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ފަނޑިޔާރުންނަށް ބިރުދެއްކި ކަމަށް ބުނެ ކްރިމިނަލް ކޯޓުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ.

ކްރިމިނަލް ކޯޓުގައި ގާސިމްގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ގާސިމްގެ މައްސަލަ ގާޒީ އާދަމް އާރިފް ވިދާޅުވީ އަޑުއެހުން ސިއްރުކުރީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބައެއް ފަރާތްތަކުން މަރުގެ އިންޒާރުދެމުންދާތީ ކަމަށެވެ.

އެ ތުހުމަތު ތަކާއި ގުޅޭގޮތުން އޯގަސްޓް 3 ވަނަ ދުވަހު ގާސިމް ވިދާޅުވީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އިންޒާރުދިނުމަކީ އޭނާ ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކްރިމިނަލް ކޯޓުގައި ދަންނަވާފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.