Last Updated: June 19, 21:49
Friday, June 19, 2026
ކުޅިވަރު

ކޭންގެ ދެ ލަނޑާއެކު ސްޕާސް ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަދި ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލުކުރި މެޗު 1-3 އިން ސްޕާސް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ދެޓީމުންވެސް ލަނޑު ޖަހާފައިވާއިރު ސްޕާސްގެ ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޖަހާފައިވަނީ ހިއު މިންގ ސޮން އެވެ. ކޭންގެ ލަނޑަށްފަހު ޑޯޓްމަންޑުން ވަނީ މާގިނައިރުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްފައެވެ. ޔާމެލޮންކޯ 11 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް ސްޕާސްއަށް އަނެއްކާވެސް ލީޑު ނަގާދިނީ 15 ވަނަ މިނެޓުގައި ކޭންއެވެ.

ސްޕާސްއަށް މެޗުން މޮޅުވި ލަނޑު ޖަހާދީފައިވަނީ 60 ވަނަ މިނެޓުގައި ކޭންއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުން ސްޕާސް މޮޅުވެ ފެށުން ރަނގަޅު ކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގައިވެސް ސްޕާސް ދިޔައީ ފުލުންނެވެ.

ރޭ ރެއަލް މެޑްރިޑާއި އެޕޯލް ބައްދަލުކުރި މެޗު ރެއާލް ވަނީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯގެ ދެ ގޯލު ފެނިގެން ދިޔައިރު މެޗުގެ ފަހު ލަނޑު ޖަހާފައިވަނީ ކެޕްޓަން ރާމޮސްއެވެ.

މެންޗެސްޓާ ސިޓީ އަދި ފެޔަނޫޑް ބައްދަލުކުރި މެޗު ސިޓީ ވަނީ 0-4 އިިން ކާމިޔާބުކޮށްފައެވެ. މެޗުގެ 2 ވަނަ މިނެޓުގައި ޖޯން ސްޓޯންސް ޖެހި ގޯލާއެކު ސިޓީން ލީޑު ނަގާފައިވާއިރު އަގުއޭރޯ އަދި ޖެސޫސް ވެސް ވަނީ ރޭގެ މެޗުގައި ލަނޑު ޖަހާފައެވެ. ސިޓީގެ ފަހު ގޯލުވެސް ޖަހާފައިވަނީ ސްޓޯންސްއެވެ.

ލިވަޕޫލް އަދި ސެވީއާ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. 5 ވަނަ މިނެޓުގައި ޔެޑާ ގޯލު ޖަހައި ލީޑު ނެގީ ސެވީއާއިންނެވެ. ނަމަވެސް ފިރްމީނޯ ވަނީ 21 ވަނަ މިނެޓުގައި ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. 37 ވަނަ މިނެޓުގައި ސަލާހް ވަނީ ލިވަޕޫލްއަށް ލީޑު ނަގާދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ލިވަޕޫލް ވަނީ ގެއްލުވާލާފައެވެ. ރޮބާޓޯ ފިރްމީނޯއަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ބޭކާރުކޮށްލާފައެވެ. ސެވީއާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ 72 ވަނަ މިނެޓުގައެވެ. ލިވަޕޫލް ދަނޑުގައި ކުޅުނު މިމެޗުން އެއްވަރުވުމުން އެވޭ ގޯލުގެ ސަބަބުން ފުރުސަތު ބޮޑީ ސެވީއާއަށެވެ.