ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސަލް ބައްދަލުކުރި މެޗުގައި ޕޮގްބާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން 6 ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ޕޮގްބާގެ އަނިޔާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ ލީގުގައި އެވަޓަން، ސަދަމްޓަން، ޕެލެސް އަދި ލީގު ކަޕު މެޗާއި ޗެމްޕިއަންސް ލީގުގެ މޮސްކޯ މެޗުގައި ޕޮގްބާއަށް ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.
ބާސަލް މެޗުގެ ވަރަށް ކުރީކޮޅު ޕޮގްބާއަށް އަނިޔާވެ ބަދަލުކުރަން މޮރީނިއޯ އަށް މަޖުބޫރުވިއެވެ. ޕޮގްބާގެ ބަދަލުގައި ކުޅެން ނިކުތް ފެލައިނީ ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މިސީޒަނުގައި ޕޮގްބާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާއަކީ ޔުނައިޓެޑުގެ މެދުތެރޭގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިޔެކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ސީޒަނުގައި ޕޮގްބާ ޔުނައިޓެޑަށް ގެނައުމަށްފަހު އޭނާއަށް ވަނީ މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ މައްސަލަކާއި ކުރިމަތިލާން ޖެހިފައެވެ.