Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

އައްޑޫގެ ތަރައްޤީއަށް އޮތް ހުރަހަކީ އެސްޔޫއެލް

އައްޑޫ ސިޓީ ކައުންސިލާއި ސަދަން ޔޫޓިލިޓީ ކުންފުނީގެ ވެރިން ބައްދަލުކުރައްވަނީ/ ފޮޓޯ: ކައުންސިލް އިދާރާ

އައްޑޫގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އެސްޔޫއެލް ކަމަށް ކައުންސިލުން ބުނެފިއެވެ.

ސިޓީގެ ތަރައްޤީއާޢި ގުޅޭ ގޮތުން ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އެސްޔޫއެލް ކަމަށެވެ.

"ކުރީގައިވެސް އަދި މިހާރުވެސް އައްޑޫގެ ކުރިމަގަށް އޮތް އެންމެ ބޮޑު ހުރަހަކީ އެސްޔޫއެލް، އެސްޔޫއެލްގެ ބޯޑުގައި އެބަ ތިބެން ޖެހޭ ކައުންސިލާއި ގުޅިގެން މި ސިޓީއަށް މަސައްކަތް ކުރާނެ ބަޔަކު" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ގާނޫނީ ގޮތުން ވަރަށް ގިނަ މުނިސިޕަލް ހިދަމަތް ދިނުމަށް ކައުންސިލް ތަކަށް ލާޒިމް ކުރާއިރު އޭގެ ތެރެއިން ގިނަ ހިދްމަތްތަކަކީ ޔޫޓިލިޓީސްގެ އެހީގައި ކުރިއަށްގެންދެވޭނެ ކަންކަމެވެ.

"އަޅުގަނޑުމެން ކައުންސިލް އުފެދުމުގެ ކުރިންވެސް މި ސިޓިގެ މުނިސިޕަލް ހިދްމަތް ދިނުމަށް މިވަނީ ސަދަން ޔޫޓިލިޓީ ކުންފުންޏާއި ހަވާލުކުރެވިފައި. ނަމަވެސް ބައެއް ކައުންސިލްތަކާއި އެބަ އޮތް މުނިސިޕަލް ހިދްމަތް ދިނުމަށް ހަވާލުކުރެވިަފއި، މިސާލަކަށް ލާމު އަތޮޅު ކައުންސިލުން އެއަތޮޅުގެ މަގުތައް ހަދަނީ"

ސޯބެ ވިދާޅުވީ ކުރިން އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ޕަބްލިކް ވޯކްސް ޔޫޓިލިޓީ ކުންފުންޏާއި ހަވާލު ކުރީ އައްޑުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގާބިލްކަން އެކުންފުންޏަށް ލިބިފައިވާތީ ކަމަށެވެ. އަދި ކުރިންވެސް ޔޫޓިލިޓީން އައްދޫގެ މަގު މަރާމާތިކުރުމުގެ މަަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭ ގޮތުން ކައުންސިލުން ފާޑޫ ކިޔާފައިވާނެކަމަށެވެ.

"މީ އަޅުގަނޑުމެން ކައުންސިލަށް ލާޒިމް ކުރާ ކަން ކަން، މަގު ހެދުމާއި، މުނިސިޕަލް ހިދްމަތް ފޯރު ކޮށް ދިނުމަކީ، އެކަމަކު އަޅުގަނޑުމެންނަށް އެ ޚިދްމަތް ފޯރުކޮށްދެވެން މި އޮންނަނީ ޔޫޓިލިޓީ ކުންފުނި މެދުވެރިކޮށް"

ސޯބެ ވިދާޅުވީ އައްޑޫގައި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް ބަހައްޓާފައި ހުރި ޖަނަރޭޓަރު ތަކަށް ބޭނުންވާ ސްޕެއާ އަދިވެސް ހޯދިފައި ނުވާއިރު ކޮންމެ އިރެއްގައި ވެސް ކަރަންޓް ކެޑިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މާލެ ސިޓީއަށް ވަކި ޔޫޓިލިޓީއަށް އިދެފަ މާލެއަށް ކަރަންޓް ފޯރުކޮށްދެވޭއިރު އައްޑޫއަށް ވަކި ޔޫޓިލިޓީއެއް ގާއިމް ނުކުރެވެންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ސޯބެ ވިދާޅުވިއެވެ.

"މިހާރުވެސް އިންޖީނުގެ ތަކަށް ބޭނުންވާ ތެޔޮއުފުލާ ވެހިކަލަކީ އެތައް ދުވަހެއްވެފަ އޮތް ވެހިކަލެއް. އެ ބަރާބަރަށް މަރާމާތެއް ނުކުރޭ، އެއަށް މައްސަލައެއް ދިމާވެއްޖިޔާ ތެޔޮ އުފުލާނެ ވެހިކަލެއް ނެތް، ދެން ތިބެން ޖެހޭނީ ތެޔޮ ނޭޅި އިންޖީނު ނުހިންގިފަ"

ސޯބެ ވިދާޅުވީ ޔޫޓީލިޓީގައި ތިބޭ އިސް ބޭފުޅުންނާއި ކައުންސިލާއި ވާހަކަ ދެކެވި ކަންކަން ކުރެވެން ޖެހޭނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެ މިހާރު ބޯޑަށް އިސްކޮށްފައި ތިބި ބޭފުޅުންގެ ފަރާތުން ކައުންސިލަށް ބޭނުންވާ އެއްބާރުލުން ލިބެމުން ނާންނަކަމަށެވެ. އެހެންވެ އައްޑޫގެ ތަރައްޤީއަށް ބޮޑެތި ހުރަސްތައް އެޅެމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.