ފަނޑިޔާރުންގެ ބޮޑު މަހާސިންތާ ރޭ ބަނޑޮސް އައިލެންޑު ރިސޯޓުގައި ފަށައިފިއެވެ.
ދެބަޔަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަހާސިންތާގެ ފުރަތަމަ ބައި މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ފުރަތަމަ ބައިގައި ސުޕްރީމް ކޯޓާއި، ހައިކޯޓު އަދި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކުގެ އިތުރުން ޕްރޮގުރާމާ ގުޅުންހުރި އިތުރު މުއައްސަސާ ތަކަށް އަމާޒުކޮށްގެން ކުޑަކުދިންގެ ހައްގުތަކާއި އަދުލު އިންސާފުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި ދެވަނަ ބައިގައި މިމަހުގެ 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު ޖިނާއީ އިޖުރާއަތާ ބެހޭ ގޮތުން ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ މިދާއިރާއާ ގުޅޭގޮތުން ކުރަން ޖެހޭ މަޝްވަރާތަކާއި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައް ދަނެގަނެ މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.