Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އައްޑޫގެ މަގުތަކުގެ ހާލަތާ ގުޅޭ 10 ފޮޓޯއެއް މުއިއްޒަށް

އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނަ ތަނެކެވެ. ތާރުއެޅި ދެ ތިން މަގެއް ފިޔަވައި ދެންހުރި މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެދި ރައްޔިތުން ސަރުކާރުތަކުގައި އާދޭސް ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ރައްޔިތުންގެ އާދޭސްތައް އަޑު އިވިއްޖެ ކަމަށް ބުނެ ކޮންމެ ކެމްޕެއިނަކާއި ނުވަތަ އިންތިހާބަކާއި ދިމާކޮށް ކުރެވޭ މަސައްކަތް ފިޔަވައި އައްޑޫގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

ފަހަރެއްގައި އެއީ އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ފަރާތަށް މަގުތަކުގެ ހާލަތު އެނގިވަޑައިނުގަންނަވާތީ ކަމަށް ވެސް ވެދާނެއެވެ.


މިހާރު އައްޑޫ ސިޓީގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު މި 10 ތަސްވީރު ބައްލަވާލައްވައިފި ނަމަ އެބޭފުޅާއަށް އައްޑޫގެ ރައްޔިތުން އުޅެމުންދާ ހާލު ވަޒަންކުރެއްވިދާނެއެވެ. އަދި އައްޑޫގައި މިވަގުތު ހުންނެވުމުން މި މަންޒަރުތަކަކީ ސީދާ އައްޑޫގެ މަންޒަރުތަކެއް ކަން ޔަޤީންކޮށްލުމަކީ ވެސް ޑރ.މުއިއްޒުއަށް ފަސޭހަ ކަމަށް ވެގެންދާނެއެވެ.

އައްޑޫގެ މަގުތަކުގެ ހާލަތު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަޒަން ނުކުރެއްވޭ ނަމަ އެބޭފުޅުންނަކީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްތޯ އެ ރައްޔިތުން ސުވާލު އުފައްދާނެއެވެ.

އައްޑޫގެ ވެލިމަގުތަކުގައި ދަތުރުކުރުމުން ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ. އެކަން މި ފޮޓޯތަކުން މިހިރީ ސާފުކޮށް ފެންނާށެވެ.