Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހައުސިން މިނިސްޓަރު އައްޑޫ ދަތުރުގައި ކައުންސިލް ބާކީ

ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ކައުންސިލް މީޑިއާ

ހައުސިންގ މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރަމުންދާ ދަތުރުފުޅާއި ބެހޭ އެއްވެސް މައުލޫމާތެއް އައްޑޫ ސިޓީ ކައުންސިލާ ހިއްސާކޮށްފައިނުވާ ކަމަށް ކައުންސިލުން ބުނެފިއެވެ.

ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި ވަޒީރުން އާންމު ގޮތެއްގައި އައްޑުއަށް ވަޑައިގަންނަވާއިރު އެކަން ކައުންސިލަށް އަންގާ ކަމަށާއި ކައުންސިލާއި ވަޒީރުން ބައްދަލު ކުރައްވާ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓަރު އައްޑުއަށް ވަޑައިގަތް ކަން ކައުންސިލަށް އެނގިވަޑައިގަތީ މީޑިޔާތަކުން ކަމަށް ޔަސްރިފް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގުތައް ބެލެހެއްޓުން ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު މަގުތަކާއި ބެހޭގޮތުން ކައުންސިލުން މިނިސްޓްރީއަށް އެކިފަހަރު މަތިން ސިޓީތައް ފޮނުވާފައިވާ ކަމަށާއި އެއްވެސް ސިޓީއަކަށް ޖަވާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ޔަސްރިފް ވަނީ މީގެ ކުރިން ސޯޝަލް މީޑިޔާގައި ފާހަގަކޮށްފައެވެ.

ހައުސިން މިނިސްޓަރު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫގައި އެ މިނިސްޓަރީން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޔުނިޓުން މައުލޫމާތު ދީފައިވެއެވެ.

މިނިސްޓަރާއިި ބައްދަލުކުރެއްވުމަށް ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ އަބްދުﷲ ސޯދިގް މިހާތަނަށް ކުރެއްވި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.