Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

މުއިއްޒު ވަޑައިގަތުމުން ލިންކް ރޯޑްގެ ވަޅުގަނޑުތައް "ފޮރުވައިފި"

ހައުސިން މިނިސްޓަރ އައްޑޫއަށް ވަޑައިގަތުމުން ލިންކް ރޯޑުގައި ހުރި ވަޅުގަނޑުތަކަށް ސިމެންތި އަޅައި "ފޮރުވުމުގެ" މަސައްކަތް އެމްއާރްޑީސީ މުވައްޒަފުން ކުރަނީ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްޤީ ބައްލަވާ ލެއްވުމަށް ރޭ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ވަޑައިގަތުމާއި އެކު ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކަށް މިއަދު އެމްއާރްޑީސީ މުވައްޒަފުން ނިކުމެ ސިމެންތި އަޅައި ފޮރުވައިފިއެވެ.

ހައުސިން މިނިސްޓަރ އައްޑޫއަށް ވަޑައިގަތުމުން ލިންކް ރޯޑުގައި ހުރި ވަޅުގަނޑަކަށް ސިމެންތި އަޅައި "ފޮރުވާފައި"..

މުއިއްޒުގެ މިދަތުރުފުޅާއި އެކު މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ސިމެންތި އަޅައި ފޮރުވި އިރު މީގެ ކުރިން މީގެ ކުރިން މި ވަޅުގަނޑުތައް މަރާމާތު ކުރުމަށް އެމްއާރްޑީސީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު އާއި އެކު ރެއިން ފެށިގެން ހައުސިން މިނިސްޓްރީގެ އައްޑޫ ދެ ކޯޑިނޭޓަރުން އުޅުއްވާ އިރު މީގެ ކުރިން މި ދެކޯޑިނޭޓަރުންގެ ފަރާތުން މަގު މަރާމާތު ކުރުމަށް މިފަދަ އަވަސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

މިނިސްޓަރ މުއިއްޒު ވަނީ އީސީސީ ރޫޅާލުމަށްފަހު އަޅާ ހޮސްޕިޓަލާއި، ހިތަދޫގައި އަޅައި ނިންމައި ނަމަވެސް ނަރުދަމާ އާއި ކަރަންޓް ނެތުމުގެ ސަބަބުން ހަވާލު ނުކުރެވި ހުރި ފްލެޓްތައް ބައްލަވާ ލައްވާފައެވެ.

މީގެ އިތުރުން ދައުލަތުން 162 މިލިއަން ހަރަދުކޮށްގެން ފޭދޫގައި ހިއްކާފައި ސަރަހައްދާއި ނަރުދަމާގެ މަސައްކަތް ބައްލަވާލައްވާފައެވެ.

މުއިއްޒު އައްޑޫއަށް ވަޑައިގެންފައި މިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު ދެ ވަނަ ދުވަހު އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ނިންމަވާނެކަމަށް ވިދާޅުވެ އެމަސައްކަތް ނުފެށި 2 އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.