ސިއްހީ ފަރުވާއަށް މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އާއި ގުޅިގެން ސަރުކާރުން ކުރަމުންދަނީ "ޖެއްސުން"ކަމަށް އިދިކޮޅު ކޯލީޝަނުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ އާއި ގުޅިގެން ސަރުކާރުން ކަންތައް ކުރައްވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
ހިތުގެ އާލާސްކަންފުޅަކަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން ގާސިމް ދިހަ ދުވަހަށް ސިންގަޕޫރަށް ފޮނުވާފައިވީ ނަމަވެސް ގާސިމް ބައްލަވާ ޑޮކްޓަރުން ވަނީ އެމަނިކުފާން ބޭސް ފަރުވާގެ ކަންކަމުގައި 3 މަސް ދުަވަހަށް ހުންނަވަން ޖެހޭކަމަށް އިރުޝާދު ދެއްވާފައެވެ.
އަދި ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދުމުން ސަރުކާރުން ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
އަމީތު ވިދާޅުވީ ގާސިމްގެ މައްޗަށް ކުރި ހުކުމުގައި އެމަނިކުފާންގެ ބޭސްފަރުވާ ހަމަޖައްސައި ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އެކަންކަމަށް ކަރެކްޝަންގެ މެޑިކަލް ބޯޑުގައި ތިއްބަވާ ފަރާތްތަކަށް ހުރަސް ނޭޅުއްވޭނެކަމަށެވެ.
އަމީތު ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގައި ވެސް ހަމަ ނުޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި ސަރުކާރުން ގާސިމްއާއި މެދު އަމަލް ކުރަމުން ދަނީ "ވަރަށް އަނިޔާވެރިކޮށް" ކަމަށެވެ.