Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ފްލެޓް ލިބުނު މީހުންނާއި ނުލިބޭ މީހުން އަޅާކިއުން ހުއްޓާލާ: ނިހާން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކުރުމަށް އިއްލާން ކުރުމާއި ގުޅިގެން ކުރިމަތިލީ މީހުންގެ ނަން އާއްމު ކުރުމެއްނެތި ޝައްކާއި ވަހުމް އުފެދޭ ގޮތަށް ފްލެޓް ލިބޭ މީހުންގެ ނަން އުނިކޮށް އާއްކުރުމާއި ގުޅިގެން ސަރުކާރަށް ފާޑު ކިއުން އަމާޒުވެފައިވަނިކޮށް، ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުން އަޅާ ކިއުން ހުއްޓާލުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލި މާފަންނު ދާއިރާގެ މެމްބަރ އަހްމަދު ނިހާން ހަސަން މަނިކު ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހަގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ސަރުކާރާއި މެދު ޝައްކު އުފެއްދުމަށް ބަޔަކު އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި ފްލެޓް ދޭނެކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް މެނިފެސްޓޯގައި ބޯ ހިޔާވަކިކަމުގެ ވާހަކަ ހިމެނި އިރުވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި 21000 މީހުން ތިބިކަން އެނގޭކަމަށެވެ. އަދި ހުޅުމާލޭ 2 ވަނަ ފިޔަވަހި ނިމޭއިރު 15000 މީހުންނަށް ބޯހިޔާވަހިކަން
ލިބޭނެކަމަށް ނިހާން ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެ ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކާ ދެމެދުގައި އަޅުގަނޑުމެން އަޅާ ކިޔުން އިހަށް ދޫކޮށްލައްވާ. ކެތްތެރިކަމާ އެކުގައި އިންސާފުވެރި ކަމާ އެކުގައި ބަރޯސާ ކުރައްވާ. އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ޔާމީންގެ ވިސްނުން ފުޅުގައި ތިއިން އެއްވެސް ބޭފުޅަކު ބާކީ ކުރުމެއް ނެތް،"

ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމްގެ އިސް އެއްވެސް ބޭފުޅަކު ސްޓޭޖަށް އަރައި "އަޅުގަނޑުމެންގެ ޕާޓީގެ މީހުންނަށް ދީ ނިމުނީމައޭ އެހެން ބަޔަކަށް ލިބޭނީ" ނުބުނާނެ ކަމަށެވެ.

ފްލެޓް ލިސްޓާއި ގުޅިގެން ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް އަމާޒުވެފައިވާ އިރު ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމު ނުކުރީ "ވައްކަން" ކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކަށް ފްލެޓްދީފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.