ޕީޕީއެމްގެ ކެޕްޓަނަށް އިރުޝާދު ދެއްވުމަށް ބެހެއްޓެވި ކޯޗު ދަންވަރު ގަޑީގައި އިދިކޮޅު ޓީމަށް ކޯޗުކޮށްދެއްވުމަށް ވަޑައިގެންނެވުމުން އެބޭފުޅަކު ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާން ހުސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޖަގަހަ "ރުމާލު 2"ގައި ވަރަށް ޖޯޝާއި އެކު ވާހަކަފުޅު ދައްކަވަމުން މައުމޫނަށް އަމާޒު ކުރައްވައި ނިހާން ވިދާޅުވީ ފަސް އަހަރު ދުވަހަށް ކޯޗުގެ މަގާމުގައި ބަހައްޓާފައި ވަނިކޮށް އިދިކޮޅު ޓީމަށް ކޯޗުކޮށްދޭން ހުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ.
"އިދިކޮޅު ޓީމަށް ކޯޗުކޮށްދޭއިރު އަޅުގަނޑުމެންގެ މިޓީމްގައި ކޯޗުގެ ކުދިންވެސް އެބަތިބި، ފޯވާޑުގައި އޮތީވެސް ކޯޗުގެ ދަރިއެއް، އެކަމަކު ގޮސް އިދިކޮޅު ޓީމަށް މި ދަސްކޮށްދެނީ އަޅުގަނޑުމެން ދަތިއަޅުވައިގެން ވައްޓަންވީ ގޮތް"
ރޭގެ ޖަލްސާގައި ނިހާން އެމްޑީޕީ ސިފަ ކުރެއްވީ "މިނާކުކުޅު"ގެ ގޮތުގައެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ހުޅުމާލެ ހިއްކައި މީހުން އުޅެވޭވަރު ކުރެވުނީ 7 އަހަރުން ކަމަށާއި ނަމަވެސް ރައީސް ޔާމީން ދޮޅު އަހަރުން ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކައި ނިންމާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
މައުމޫނަށް ވަރަށް ބޮޑަށް ނުސީދާކޮށް ފާޑު ވިދާޅުވައި ވާހަަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ﷲ ގެ ރަހްމަތް ފުޅުން 2018ގެ އިންތިހާބު ފުރަތަމަ ބުރުން ރައީސް އަބްދުﷲ ޔާމީން ކާމިޔާބް ކުރައްވާ ތަން ފެނިވަޑައިގަންނަވާނެކަމަށެވެ.