އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ތާރު އަޅައިގެން ހެދުމަށް ކޮންޓްރެކްޓަރ ފައިނޭސް އުސޫލުން ލަންކާގެ ސިއެރާ ކުންފުންޏާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިއްޖެއެވެ.
އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައި މަސައްކަތުގެ އެއްބަސްވުމުގައި ސިއެރާ އެކު ސޮއި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު އިއްޔެ އައްޑޫއަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އައްޑޫގެ ރަށްތަކުގެ މަގު ހެދުމަށް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށާއި މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ފައިނަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން މުއިއްޒު ވިދާޅެއް ނުވެއެވެ.
ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މުއިއްޒުގެ މި ދަތުރުފުޅަކީ އައްޑޫގެ މަގު ހެދުމުގެ ކުރިން މަގުގެ ހާލަތު ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ސިއެރާ ކުންފުންޏާއި އެކު އަލުން އެއްބަސްވުން ހަދާއިރު މިއަހަރު މޭއި މަހުގެ 6 ވަނަ ދުވަހު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ސިއެރާ ކުންފުންޏާއި އައްޑޫގެ މަގު ހެދުން ހަވާލު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެފަހަރު މަސައްކަތް ފެށުމަށް ސިއެރާ އާއި ހަވާލުކޮށްފައި ނުވެއެވެ.
އައްޑޫގެ މަގު ހަދަން ސިއެރާ އާއި ހަވާލު ކުރާއިރު އެކުންފުންނިން އަންނަނީ ހުޅުމީދޫގެ ނަރުދަމާގެ މަސައްކަތް ކުރަމުންނެވެ.