ޓީއެފްޖީން އިންތިޒާމްކޮށްގެން ބާއްވާ "ކޮކާކޯލާ ރަން އިން އައްޑޫ" ދުވުން މިރޭ ފަތިހު 4:30 ގައި ހިތަދޫ އީސީސީ ކުރިމަތިން ފަށާ ގޮތަށް ނިންމައިފިއެވެ.
މާލޭން ބޭރުގައި ޓީއެފްޖީން ބާއްވާ ފުރަތަމަ އިވެންޓްގައި މިއަދު ހެނދުނު 9 އިން ފެށިގެން މިރޭ 9 ޖަހަން ދެން ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކިޓް ދޫކުރުމަށް ވަނީ ހާއްސަ އެކްސްޕޯއެއް ފަށާފައެވެ.
މީގެ އިތުރުން މިއަދު ހަވީރު އުމުރުން ދުވަސްވީ މީހުންގެ ހިނގާލުމަކާއި ކުޑަކުދިންގެ ދުވުމެއްވެސް ވަނީ އީސީސީ ސަރަހައްދުގައި ބާއްވާފައެވެ.
ޓީއެފްޖީން ބުނީ މިދުވުމުގައި 312 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ. މީގެ ތެރޭގައި ރާއްޖޭ މަޝްހޫރު ބައެއް ދުވުން ތެރިންނާއި ރާއްޖޭން ބޭރުގެ ދުވުންތެރިންނީ ބައިވެރިވެފައެވެ. މާލެއިން ބައިވެރިވި ދުވުންތެރިން ވަނީ އިއްޔެއިން ފެށިގެން އައްޑޫއަށް އަންނަން ފަށާފައެވެ.

ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ބުނީ މިއިވެންޓަށް އައްޑޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރްހީބެއް ލިބެމުން އަންނަކަމަށެވެ. ހާއްސަކޮށް އައްޑޫގެ ގިނަ ބަޔަކު ދުވުމުގައި ބައިވެރިވެފައިވާކަން ޒިނާން ފާހަގަކުރިއެވެ.
މި އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރުންނެވެ. އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.
ހާފް މެރެތަން (21 ކިލޯމީޓަރު) ފެށުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 6:45 ގަ އެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.
މިއިވެންޓްގައި އެކި ސަރަހައްދު ތަކުގައި ވޯޓަރ ޕޮއިންޓްސް ގާއިމް ކޮށްފައިވާނެކަމަށް ޒިނާން ބުންޏެވެ. މީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުންނާއި އިވެންޓް އޮފިޝަލުން ދުވުންތެރިންނަށް އެހީތެރިވަމުންދާނެއެވެ.
މިއިވެންޓަކީ ޓީއެފްޖީން ފަށާފައިވާ "ރަން އިން މޯލްޑިވްސް" ސީރީސްގެ ފުރަތަމަ އިވެންޓެވެ. މިއިވެންޓަށްފަހު ޓީއެފްޖީ ތައްޔާރު ވާނީ "ރަން އިން ލާމު"އަށެވެ.
"ކޮކާ ކޯލާ ރަން އިން އައްޑޫ" އަކީ އައްޑޫގެ ތާރީހެއްގައި ބާއްވާ ދެވަނަ މެރަތަންއެވެ. މިދިޔަ މަހު އައި ރަނާސް އިން ވަނީ "އައްޑޫ މެރަތަން"ގެ ނަމުގައި ކާމިޔާބް ދުވުމުގެ އިވެންޓެއް ބާއްވާފައެވެ.