އ.ދ ގެ 72 ވަނަ އެސެމްބްލީގައި މިއަދު ރަސްމީކޮށް ނެގި ވޯޓުގައި ދިވެހި ރާއްޖެއިން މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ބައިވެރިނުވުމަކީ ވަރަށްވެސް ލަދުވެތި ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ އ.ދ އިން ނެގި ނަސްލު ހިމާޔަތްކުރުމާއި ގަތުލު އާންމު ހުއްޓުމަށް ބާރުއެޅުމުގެ ގޮތުން ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން ކުރެއްވި ޓުވީޓެއްގައެވެ.
މިޔަންމާރުގެ ރޮހިންޖާ މުސްލިމުންނަށް އެގައުމުގެ ސިފައިންނާއި ބުދިސްޓު ހައްދުފަހަނަޅާފައިވާ ފާދިރީން ދެމުންދާ އަނިޔާތައް ހުއްޓުވުމަށް ބާރުއެޅުމަށް އ.ދ އިން އެޖެންޑާކޮށް ނެގި ވޯޓުގައި ދެކުނު އޭޝިޔާއިން ބައިވެރިނުވި ހަމައެކަނި ގައުމަކީ ދިވެހި ރާއްޖެއެވެ.
މިވޯޓުގައި ބައިވެރިވިނަމަވެސް ވޯޓާއި ދެކޮޅަށް ރާއްޖެ ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އިން ވޯޓު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. ޗައިނާއަކީ މުޅި ދުނިޔެއިންވެސް މުސްލިމުންނަށް އެންމެ ބޮޑު ގޮންޖެހުންތަކާ ކުރިމަތި ކުރުވާ އެއް ގައުމެވެ.
ވޯޓުގައި ބައިވެރިވި މުސްލިމް ބޮޑެތި ގައުމުތަކުން ވަނީ އައިޓެމް ފާސްކުރުމަށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޤަތަރު، ތޫނިސް އަދި ތުރުކީ ހިމެނެއެވެ. މިސްރާއި ޕާކިސްތާނު އައިޓެމް ފާސްކުރުމާއި ދެކޮޅަށް ވަނީ ވޯޓު ދީފައެވެ.