މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުުވަހުން ފެށިގެން އައްޑޫގެ ރަށްތަކުން ކަރަންޓް ކެޑެންފެށި މައްސަލައަށް އަދިވެސް ހައްލެ ނުލިބެއެވެ. އަނެއްކާވެސް ދުވަސްކޮޅެއް ފަހުން އިންޒާރު ދޭން ފަށައިފިއެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ލިބެނީ އާދޭސް ކޮށް ސަލާން ޖަަހައިގެންނެވެ. އެއްވެސް ކަހަލަ މިނިވަންކަމެއް ނެތް އަޅުވެތި ބަޔަކު އުޅެންޖެހިފައިވާ ގޮތަށް އައްޑުގެ ކަރަންޓް ދެމުން އައި އެސްޔޫއެލް ވަނީ ބަޔަކު ހިސޯރުކޮށްފައެވެ.
ކުރިން މިނިވަން ކަމާއި އެކު ހިންގަމުން އައި ކުންފުންޏަށް ރާއްޖޭގެ ވެރިކަން ބަދަލުވި ހިސާބުން ވަނީ އަތްގަދަކޮށް " ފެނަކަ" ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށައް ގެންގޮސްފައެވެ. އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އައި އެތައް ޕްރޮޖެކްޓެއް ވަނީ ހުއްޓިފައެވެ. ކަރަންޓުގެ ހިދްމަތް ވަނީ ފެއިލްވެ އާއްމު ރައްޔިތުންނަށް އިންޒާރު ދޭން ފަށާފައެވެ.
އެސްޔުއެލްގެ މުވައްޒަފުން ބުނާ ގޮތުން އެތަނުގެ އިންޖީނުގެ ތަކަށް ބޭނުންވާ ސްޕެއާ ހޯދަން ފެނަކަށް ލިޔެގެން އުޅޭތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް މިހާތަނަކަށް އެސްޕެއާ ނުލިބެއެވެ. ފާއިތުވި ޖެނުއަރީ މަހު އައްޑޫގެ ރައްޔިތުން އެތައް ގަޑިއިރެއް ކަރަންޓާއި ނުލައި ވަނީ އުޅެންޖެހިފައެވެ. އަދި އޭރުވެސް އެކަން ހައްލުކުރުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށްވެއެވެ.
މުޅި ރާއްޖެ އެއް ކުންފުންޏަކުން ހިންގަން ފެނަކައިން ފެށި އިރު އޭގެ ތެރެއިން އެންމެ ބޮޑު ނަފާއެއް ލިބެނީ އައްޑޫ މަރުކަޒި އިންޖީނުގެ ހިންގަމުން އަންނަ އެސްޔޫއެލް އިންނެވެ. އައްޑޫގެ ވިޔަފާރިވެރިން އަތުން ނަގާ ފިއުލް ސާ ޗާޖުން ހިންގަނީ އެހެން އިންޖީނުގެ ތަކެވެ. އައްޑޫ އިންޖީނުގެ އައް ބޭނުންވާ ސްޕެއާ ގަންނާނެ ފައިސާއެއް ފެނަކަ ކުންފުންޏަކު ނެތެވެ. އަނެއް ކޮޅުން ފެނަކަ ހިންގޭނެ ގާބިލް ކަމެއް ނެތް ކަމަށް ކުންފުނީގެ ބޯޑުން ގަބޫލުކުރެއެވެ. ނަމަވެސް ނެތް ގާބިލްކަމެއްގައި އަދިވެސް އިތުރު އިންޖީނުގެތައް އަންނަނީ ފެނަކަ ދަށައް ބަދަލުކުރަމުންނެވެ.
ކޮންމެ ގޮތެއް ވިޔަސް ފެނަކަ ކޯޕަރޭޝަނުން އެސްޔޫއެލް މިނިވަން ކޮށްގެން ނޫން ގޮތަކަށް އައްޑޫ އިންޖީނުގެ ރަނގަޅަކަށް ނުހިންގޭނެއެވެ. އައްޑޫގެ ތަރައްޤީއަށް އެސްޔޫއެލް ވަރަށް މުހިއްމެވެ. މިނިވަންކަމާއި އެކު ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް އެސްޔޫއެލް ނުވެ ރައްޔިތުން އެދޭ ހިދްމަތެއް ނުލިބޭނެއެވެ. އަބަދު ރައްޔިތުން ތިބެންޖެހޭނީ އެތަނުގެ ވެރިން ދޭތެރެ ދޭތެރެއިން ފޮނުވާލާ އިންޒާރުތަކަށް ސިހިސިހިއެވެ. ކަރަންޓް ހޯދުމަށް އެސްޔުއެލް އަށް ބަރޯސާވެގެން މިހާރު ތިބެވެކަށް ނެތެވެ. އެހެން ގޮތެއް ހޯދަން ވަނީ މަޖުބްރޫވެފައެވެ.
އައްޑޫގެ ގިނަ ރައްޔިތުންވެސް ބޭނުންވަނީ ކުރިން އެސްޔޫއެލް އޮތް ގޮތަށް މިނިވަންކޮށް އޮތުމަށެވެ. ކުންފުނީގެ މުވައްޒަފުންނަށް މަހުން މަހަށް ބަރާބަރަށް މުސާރަ ނުދެވެއެވެ. އަނެއްކޮޅުން ކަރަންޓެއް ނުދެވެއެވެ. މުވައްޒަފުންނަށް ދެނީ ވަޒީފާއިން ވަކި ކުރާނެ އިންޒާރެވެ. ރައްޔިތުންނަށް ދެނީ ކަރަންޓް ނުދޭނެ ކަމުގެ އިންޒާރެވެ. މިފަދަ ނާގާބިލް ބަޔަކު ރައްޔިތުންގެ މައްޗައް އިސްކުރި ބަޔަކު ހޯދަން އެބަޖެހެއެވެ. އެބަޔަކު ކުރަން އުޅޭ ކަމެއް ބަލައި އެމީހުނަށް ރައްޔިތުން ވެސް އިންޒާރުދޭން އެބަޖެހެއެވެ.
އެސްޔޫއެލް "ފެނަކަ" ކޯޕަރޭޝަނުން ނުހިންގޭނެކަން މިއޮތީ އެގި ފެންނާށެވެ. ރައީސް ވަހީދުގެ އެޑްވައިޒަރު ޑރ. ހަސަން ސައީދާއި، އިބްރާހިމް ލުޠުފީ އާއި ސަންދާނު އަހައްމާއިދީ އަށް ވެސް މިކަން މިހާރު އެގޭނެއެވެ، އެހެންވެ އިންޖީނު ތައް "ލޯޑު" މަތިވެ ނިއްވާލަން ޖެހޭގޮތަށް އައްޑޫ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ލޭގެ ޕްރެޝަރުގެ "ލޯޑު" މަތިވެ "ފެނަކަ" ނިއްވާލުމުގެ ކުރިންނެވެ. އެދުވަހުން ރައްޔިތުންނޭ، ކަރަންޓޭ، ތެލޭ، ބަނދަރޭ ބުނާކަށް ޖާގައެއް ނޯންނާނެއެވެ.