ހުޅުމާލެ ފްލެޓު ދޫކުރި ގޮތް އޮޅުން ފިލުވުމަށް މިއަދުވެސް އެތައް ބަޔަކު ހައުސިން މިނިސްޓްރީ އަށް ޝަކުވާ ހުށައެޅުމަށް ގޮސްފިއެވެ.
ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކުރުމުގެ ބަދަލުގައި ފޯމު ނަމްބަރު އެކަނި އާންމު ކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބައެއް ފަރާތްތަކުން ވަނީ އެގޮތަށް އަމަލުކުރީ ކޮރަޕްޝަން ހާމަނުކުރުމަށް ކަމަށް ތުހުމަތުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. އެންމެ ގިނަ ބަޔަކު ހައުސިން އަށް ޝަކުވާ ހުށައަޅާފައިވަނީ ފްލެޓު ދިން ފަރާތްތަކަށް ދީފައިވަނީ ކިތައް ޕޮއިންޓު ލިބިގެންތޯ އޮޅުންފިލުވުމަށެވެ.
ބައެއް ފަރާތްތަކުން ވަނީ ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން ފްލެޓު ދޫކުރުމުގެ ކުރިން ގުޅާފައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތާއި ބޯހިޔާވަހިކަމާއި އެހެން ވައުދުތައް ކުރިއަށް ދާ ގޮތާ މެދު ހިތްހަމަޖެހޭތޯ ސުވާލުކުރި ކަމަށެވެ. ޖަވާބު އެބޭފުޅާ ބޭނުންވި ގޮތަށް ނުދެވުމުން ފްލެޓު ނުލިބުނީ ކަމަށް ގަބޫލުކުރާ ކަމަށްވެސް ހައުސިން އަށް ޝަކުވާ ހުށައެޅުމަށް ދިޔަ ފަރާތްތަކުން މީޑިޔާގައި ބުނެފައިވެއެވެ.