ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
ކުލަބުގެ ރެކޯޑު ގޯލު ސްކޯރާ ވޭން ރޫނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ހިލޭ ޓްރާންސްފާއެއްގައި އެވަޓަންއަށް ސޮއިކުރުމަށްފަހު ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން ވަނީ ޔުނައިޓެޑު އަތް ދަށުވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑިފެންޑަރު ވެލެންސިއާއެވެ. ބާރު ސްޕީޑުގައި ވެލެންސިއާ ފޮނުވާލި ހަމަލާ އެވަޓަން ކީޕަރު ޕިކްފޯޑަށް މަތަކުރެވޭނެ ގޮތެއް ނުވިއެވެ.
ޔުނައިޓެޑުން މުޅި މެޗުގައި 0-1 ގެ ހަނި ލީޑަކާއެކު ކުޅުނު ނަމަވެސް އެވަޓަން ޓީމަށް ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ހާސްކޮށްލާނެ ފުރުސަތެއް އުފެއްދިފައެއްނުވެއެވެ. ރޫނީ ފޮނުވާލި ދެ ހަމަލާއެއް ޑެހެއާ ވަނީ ހާސް ކަމެއް ދިފާއުކޮށްފައެވެ.
މެޗުގެ ފަހު ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ ފަހު 10 މިނެޓު ތެރޭގައެވެ. 83 ވަނަ މިނެޓުގައި ލުކާކޫ މިޚިތަރިޔާންއަށް ދިން ހުސް ފުރުސަތެއް އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. 89 ވަނަ މިނެޓުގައި ލުކާކޫ ގޯލު ޖަހާފައިވަނީ އޭނާ ފޮނުވާލި ހިލޭ ޖެހުމެއް ނާކާމިޔާބު ވުމަށްފަހު އޭރިޔާ ތެރެއަށް ހުރަސް ކުރުމުންނެވެ.
ފަހު ގޯލު ޖަހާފައިވަނީ މެޗުގެ ފަހު ފަސް މިނެޓުގައި ކުޅުނު އެންތޮނީ މާޝިއަލް އަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ޔުނައިޓެޑުން ވަނީ ޕޮއިންޓާއި ގޯލުގެ ތަފާތުވެސް އެއްވަނައިގައި އޮތް ސިޓީއާ އެއްވަރުކޮށްފައެވެ. މިވަގުތު ތާވަލުގެ އެއްވަނަ އަދި ދެވަނައިގައި ސިޓީއާއި ޔުނައިޓެޑު އޮތް އިރު ތިން ވަނައިގައި އޮތީ ޗެލްސީއެވެ. ލިވަޕޫލް 8 ވަނައަށް ވެއްޓިފައިވާއިރު އާސެނަލް އޮތީ ތާވަލުގެ 12 ވަނައިގައެވެ.