Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މުންދު އަނެއްކާ ވެސް ރައީސް ނަޝީދަށް އިންޒާރު ދީފި

މުހައްމަދު ހުސެއިން ޝަރީފް(މުންދު): ފޮޓޯ - މިހާރު ނިއުސް

ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މުޙައްމަދު ހުސެއިން ޝަރީފް (މުންދު) އަނެއްކާވެސް ކުރީގެ ރައީސް ނަޝީދު ރާއްޖެ ގެނައުމަށް އަމުރެއް ކޮށްފިނަމަ އެ އަމުރު ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ.

"މިހާރު" ނޫހަށް މުންދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނަޝީދަކީ އިނގިރޭސި ހިމާޔަތް ހޯދާފައިވާ މީހެއްކަން ރަސްމީ ގޮތުން އޭނާއަށް އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ ހިމާޔަތް ބޭނުންނަމަ އިނގިރޭސިން ނަޝީދަށް ހިމާޔަތް ދީފައިވާކަން ލިއުމުން އެންގުމަށް މުންދު ވަނީ ނަޝީދަށް ގޮވާލާފައެވެ.

"ކޮން ތާކުންތޯ މުހައްމަދު ނަޝީދަށް ހިމާޔަތްދިނީ؟ ލިޔުމަކުން ތިކަމެއް ފެންނާކަށް ނެތޭ. އަޅުގަނޑެއް ނުދެކެން. އަޅުގަނޑަށް މުހައްމަދު ނަޝީދު ލިޔުމުން ދެއްވާ، ތިމަންނާ އަކީ ދިވެހި ރައްޔިތެއް ނޫނޭ. ނޫނީ ތިމަންނަގެ އަތުގައި ރާއްޖޭގެ ޕާސްޕޯޓެއް ނެތޭ. ނުވަތަ ތިމަންނައަކީ ޑުއެލް ސިޓިޒަންޝިޕް އޮންނަ މީހެކޭ. ނުވަތަ ތިމަންނަ އަކީ އިނގިރޭސި ސަރުކާރުގެ ހިމާޔަތުގެ ދަށުން ތިމަންނަ ގެންގުޅެނީ އިނގިރޭސި ޕާސްޕޯޓެކޭ. އެހެންވީމާ އިނގިރޭސި ގާނޫނަށް އަޅުގަނޑު އެންމެ އަހުލުވެރި ގޮތަކަށް ބަލާފައި އެބޭފުޅާގެ ކަންކަން ގެންދާނަން އެ އޮންނަ އުސޫލުގެ ތެރެއިން"

ސަފީރު ކަމަށް އައްޔަން ކުރުމުން މުންދު ވަނީ ނަޝީދު ލަންކާއަށް ވަޑައިގެން ހުއްޓާ ރާއްޖެއިން އޭނާ އަނބުރާ ގައުމަށް ގެނައުމަށް އަންގައިފިނަމަ މަގުމައްޗަށް ނިކުމެގެންވެސް ނަޝީދު އަތުލައި، ރާއްޖެ ގެންނާނެ ކަމަށް ބުނެފައެވެ. އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯދާފައިވާ މީހަކު "ރަހީނު" ކުރާނެ ކަމަށް ސަފީރަކު ބުނުމުން ރައީސް ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުން ކަމަށްވާ އަމާލް ކްލޫނީ އަދި ޖެރާޑް ޖެންސާ ނެރުނު ބަޔާނެއްގައި ސަފީރެއްގަ މަގާމުގައި ހުންނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ އެދެވިގެން ވާނެ ކަމެއްތޯ ސުވާލުކޮށްފައެވެ. އަދި ސަފީރެއްގެ މަގާމުގައި ހުންނަ މީހަކު ކަނޑައެޅުނު ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެ ކަމަށާއި އެކަން މުންދުއަށް ނޭނގެނީތޯވެސް ސުވާލުކޮށްފައިވެއެވެ.