ސްޕެނިޝް ލީގުގައި ރެއަލް މެޑްރިޑާއި ރެއަލް ސޮސީޑާޑް ބައްދަލުކުރި މެޗު 1-3 އިން މެޑްރިޑް ކާމިޔާބުކޮށް ލީގުގައި ހަމަޖެހިލައިފިއެވެ.
ލީގުގައި ޖެހިޖެހިގެން ކުޅުނު ދެ މެޗު އެއްވަރުވެ ހާސްކަން ކުރިމަތިވެފައިވާ ރެއާލް އަށް ސޮސީޑާޑްވެސް ވީ އުނދަގޫ މެޗަކަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ޖެހިތަނާ މާގިނަ އިރުތަކެއް ނުވެ ސޮސީޑާޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ރެއާލްއަށް ލަނޑު ޖަހާދީފައިވަނީ ޒުވާން ކުޅުންތެރިޔާ މަޔޮރާލްއެވެ. މިއީ އޭނާ ލަލީގާގައި ކުޅުނު ފުރަތަމަ މެޗެވެ. މަޔޮރާލްގެ ލަނޑަށް ފަހު މެޗުގެ 28 ވަނަ މިނެޓުގައި ސޮސީޑާޑްގެ ލަނޑު ޖަހާފައިވަނީ ރޮޑްރިގޭޒްއެވެ.
މިމެޗުގައި ރެއާލްގެ ދެވަނަ ގޯލަކީ ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނަމަވެސް ގޯލު ޖެހުމުގައި ފުރަތަމަ ލަނޑު ޖެހި މަޔޮރާލްގެ ރޯލު ބޮޑެވެ.
ރެއާލްގެ ފަހު ލަނޑު 61 ވަނަ މިނެޓުގައި ޖަހާފައިވަނީ ގެރެތް ބޭލްއެވެ. މިލަނޑު ޖެހުމުގައި ބޭލްއަށް އެހީތެރިވެދީފައިވަނީ އިސްކޯއެވެ. ރޭގެ މެޗުވެސް ރެއާލް ކުޅެފައިވަނީ މާސެލޯ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތިއެވެ. ދެކުޅުންތެރިންވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.