Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

"ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ" ގެ ލޯންޗިން މިރޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ޒުވާނުންނަށް އަމާޒްކޮށްގެން ބާއްވަން ތާވަލްކޮށްފައިވާ "ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ" މިރޭ ލޯންޗް ކުރަން ނިންމައިފި އެވެ.

އެގޮތުން މިރޭ 20:45 ގައި މޯލްޑިވްސް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް ފިއެސްޓާ އިފްތިތާޙްކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. މިރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ ލޯގޯ އަދި ވެބްސައިޓް ލޯންޗް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ވަނަވަނަ އަށް ދާ ފަރާތްތަކަށް ލިބޭނެ އިނާމްތައް ވެސް މިރޭ އިއުލާން ކުރާނެ އެވެ.

މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް މުބާރާތަށް ވެގެންދާނެ ކަމަށެވެ.

އަދި މިފަދަ މުބާރާތެއް ބޭއްވުމަށްޓަކައި އެދޭ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފޮޓޯ: ވަގުތު

މި ސްޕޯޓްސް ފިއެސްޓާ ގައި އަންހެނުންނަށް ޚާއްސަ ވޮލީ މުބާރާތަކާއި، ފިރިހެނުންނަށް ޚާއްސަ ފުޓްސެލް މުބާރާތެއް އޮންނާނެ އެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ބައިވެރިވެވޭނީ އެއް ޓީމަށެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި އެންމެ ފުރަތަމަ ކުޅޭނީ އަތޮޅު މުބާރާތެވެ. އަތޮޅު މުބާރާތް ކާމިޔާބު ކުރާ ޓީމް ދާނީ ޒޯން މުބާރާތަށެވެ.

މި ފިއެސްޓާ ލޯންޗް ކުރުމަށް ބާއްވާ ރަސްމިއްޔާތު މިރޭ ޗެނަލް-13 އިން ލައިވް ކުރާނެ އެވެ.