ރާއްޖެ އަށް ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ކުށް ސާބިތުވި ސ. ހިތަދޫ މީހަކު ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
މި މައްސަލާގައި 50،000ރ. އިން ޖޫރިމަނާކޮށް 10 އަހަރަށް ޖަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ހިތަދޫ، ސޯމާ، ޝަފީޤް އިބްރާހިމް، 23، ގެ މައްޗަށެވެ.
ޝަފީޤު އެ ތަކެތި އެތެރެ ކޮށްފައިވަނީ އޮކްޓޯބަރު 7، 2012 ވަނަ ދުވަހު އިންޑިޔާ އިން ރާއްޖެއަށް އައި އިރު އެވެ. އަދި އޭނާ ގެނައި އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ ދެ ރަބަރު ޕެކެޓްގައި 0.8314 ގްރާމް އެލްޕްރޮޒޯލަމް ހުރި ކަމަށް ތަޙްލީލު ރިޕޯޓުތަކުން ދައްކަ އެވެ.
މި މައްސަލަ އާ ގުޅިގެން ޝަފީޤު ޝަރީއަތުގައި އިޢުތިރާފްވެފައިވާތީއާއި، އޭނާ އެތެރެ ކުރި މަސްތުވާތަކެތި ތަހުލީލު ކުރި އިރު އޭގައި 0.8314 ގްރާމް އަލްޕްރަޒޮލަމް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖަދުވަލު 02 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އަށް އެތެރެކުރުމުގެ ކުށުން ޝަފީޤު އިބްރާހީމް ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުގޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ޝަފީޤް 50،000ރ. އިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި މި ފައިސާ 2013 މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞް ކުރުމަށް ވެސް ވަނީ ކްރިމިނަ ލްކޯޓުން ހުކުމްކޮށްފަ އެވެ.
މަސްތުވާތަކެތި އެތެރެ ކުރި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސް އިން ތަޙުޤީޤު ކުރުމަށް ފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައި ވަނީ ނޮވެމްބަރު 28، 2012 ވަނަ ދުވަހު އެވެ.
ޝަފީޤަކީ މީގެ ކުރިން ވެސް ތަފާތު ގިނަ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.