Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރޫނީގެ ލައިސެންސް ސަސްޕެންޑުކޮށްފި

އިނގިރޭސި ވިލާތުގެ އެވަޓަން އަށް ކުޅެމުން އަންނަ ފޯވާޑް ވޭން ރޫނީ މަސްތުގެ ހާލަތުގައި ދުއްވި މައްސަލައިގެ ކޯޓު އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވުމުން ދެ އަހަރަށް ދުއްވުން މަނާކޮށް ލައިސެންސް ސަސްޕެންޑު ކޮށްފިއެވެ.

އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައިވާ ރޫނީ މަސްތުގެ ހާލަތުގައި ދުއްވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭގައެވެ.

މައްސަލަ ބެލި ފަނޑިޔާރު ވަނީ ރޫނީ ކުށަށް އިއުތިރާފުވުމުން ދެ އަހަރު ދުވަހަށް ދުއްވުން މަނާކުރުމަށްފަހު 100 ގަޑިއިރުގެ މުޖުތަމައަށް ފައިދާހުރި މަސައްކަތް ކުރުމަށްވެސް އަމުރުކޮށްފައެވެ.

ރޫނީގެ ވަކީލުން ބުނެފައިވަނީ އޭނާއަށް ކުރެވުނު ކުށަށް އިއުތިރާފުވާ ކަމަށާއި އެކަމަށް މައާފަށްވެސް އެދޭ ކަމަށެވެ. އަދި އެކަށީގެންވާ އަދަބު ލިބުމަށްވެސް ރޫނީ ތައްޔާރަށް ހުރި ކަމަށް ވަކީލުން ކޯޓުގައި ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ލިވަޕޫލްއަށް އުފަން ވޭން ރޫނީ ވަނީ 13 އަހަރު މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރުމަށްފަހު މިސީޒަނުގައި އެވަޓަން އަށް ބަދަލުވެފައެވެ.