މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ފްލެޓު ދިނުމުގައި ހިންގާފައިވަނީ ޖަރީމާއެއް ކަމަށާއި ފްލެޓު ދިން ގޮތް ކިޔާދެވޭނީ ތަހުގީގެއްގައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެއީ ވައްކަމެއް ކަމަށެވެ. ނޫސް ކޮންފަރެންސެއްގައި އެވާހަކަ ކިޔައި ނުދެވޭނެ ކަމަށްބުނެ ނިޒާރު ވަނީ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ މިއަދު ހައުސިން މިނިސްޓަރު ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި ޕްރެސް ކޮންފަރެންސުގައި ތަކުރާރުކޮށް ނޫސްވެރިން ފްލެޓު ދިނުމުގައި ސަރުކާރުން ބެލީ ކޮން އުސޫލަކުންތޯ ސުވާލުކުރުމުންވެސް ސީދާ ޖަވާބެއް މިނިސްޓަރުގެ ފަރާތުން ނުލިބުމުން ކަމަށް ބެލެވެއެވެ.
ޑރ. މުއިއްޒު ނޫސްވެރިންގެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވެފައިވަނީ ސަރުކާރުން އިންސާފުން ނޫން ގޮތަކަށް އެއްވެސް ފްލެޓެއް ދީފައި ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ފްލެޓަށް އެދުނު އެތައް ބަޔަކު އަންނަނީ އެމީހުނަށްވުރެ މަދުން ޕޮއިންޓު ލިބި، ތަނަވަސް މީހުންނަށް ފްލެޓު ލިބިފައިވާ ކަމަށް ޝަކުވާ ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަން އިއުލާން ކުރުމުގެ ކުރިން ބައެއް މީހުނަށް ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން ގުޅައި ސަރުކާރުން ވައުދު ފުއްދާ މިންވަރާ މެދު ހިތްހަމަ ޖެހޭތޯ ސުވާލު ކުރިކަމަށާއި ސަރުކާރަށް ތާއީދުކޮށް ވާހަކަ ނުދެއްކުމުން ފްލެޓު ލިބިފައިނުވާ ކަމަށް ބުނެ ޝަކުވާ ހުށައަޅަމުންނެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ ރައީސް ޔާމީންގެ ކެމްޕޭނު އޮފީހަށް ފްލެޓަށް އެދުނު ފަރާތްތަކު ލިސްޓު ފޮނުވާފައިނުވާނެ ކަމުގެ ޔަގީންކަން މިއަދުގެ ޕްރެސް ކޮންފަރެންސުގައި އަރުވާފައެވެ.