Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޑރ. ޚަލީލްގެ ޅިޔަނަކަށް ކޯޑިނޭޓަރުކަން

ބަދު އަހުލާގީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކި ކުރި މީހަކަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދީފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޑިނޭޓަރުކަމަށް އައްޔަން ކުރި އަލީ އަހުމަދަކީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުﷲ ހަލީލުގެ ޅިޔަނެކެވެ.

ފުލުހުންގެ ޗީފް ސްޓޭޝަން އިނިސްޕެކްޓަރުގެ މަގާމުގައި ހުއްޓައި އަލީ އަހްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ ހިލޭ އަންހެނަކާ އެކު ގެއެއްގައި ދޮރު ލައްޕައިގެން އެކަހެރިކޮށް ތިބިކަން ސާބިތުވާ ކަމަށް ފ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ.

ބަދު އަހުލާގީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި އަލީ އަހުމަދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އިރު އޭނާއަކީ 2012 ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ހިނގާލުމަށް ފުލުހުން ހަމަލާދީ ހިންގި ހަރަކާތުގައި އާންމު ރައްޔިތުންނަށް އަނިޔާކުރި ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ސާބިތުވެ އޭނާގެ މައްޗަށް ދައުވާ ވެސް އުފުލާފައި ވެއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.