އިދިކޮޅު ފަރާތްތަކުން ޖަލަށްލުމަށްފަހު މުއައައްސަސާތައް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ ހަގީގީ ހަމަޖެހުން ގާއިމުވުން ނޫން ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ ރޭ "ވައި18 ފިއެސްޓާ" އިފްތިތާހު ކުރުމަށް ރައީސް ޔާމީން ބައިވެރިވެވެޑައިގެންނެވި ހަފްލާގައި ގައުމުގައި މިހާރު އޮތީ ދެމިގެންދާ ހަމަޖެހުން އޮތް ދުވަސްތަކެއް ކަމަށް ވިދާޅުވުމުން ކަމަށް ބެލެވެއެވެ.
އިދިކޮޅު ފަރާތްތަކަށް ރައީސްގެ ފާޑުވިދާޅުވުންތައް އަނެއްކާވެސް ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައިވާއިރު ރޭގެ ހަފްލާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިވަގުތު އެންމެ ބޮޑު ކަމަކަށް އޮތީ ދެ ފަރާތުން މަޝްވަރާ ކުރުން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ މަޝްވަރާގެ ދައުވަތަށް ދިން ޖަވާބުން ހައިރާންވެވެޑައިގެންފައިވާ ކަމަށެވެ.
ތަރައްގީ ނުފެންނަ ކަމަށް އިދިކޮޅު ފަރާތްތްތަކުން ބުނާ ބުނުމަށްވެސް ރައީސް ވަނީ ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މެނިފެސްޓޯ ބޮޑުކޮށްގެން ކަންތައް ނުކުރި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓާއި ފުޓްސަލް ދަނޑު އަޅައި، ޒުވާނުން ވޮލީއާއި ފުޓްސަލް ކުޅެމުން އަންނަ ކަމަށެވެ.
މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުގައި ޑރ. ޖަމީލު ހުންނަވަނިކޮށް މަޖިލީހުގެ ޕީޕީއެމް މެޖޯރިޓީއިން ވަނީ ޖަމީލް މަގާމުން ދުރުކޮށްފައެވެ. އޭނާ ވަނީ އެއީ ގާނޫނާއި ޚިލާފަށް ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.