ވެރިރަށް މާލެ އަށް ވުރެ 3 ގުނަ އަގުބޮޑުކޮށް އައްޑޫގައި ފެނުގެ ޚިދުމަތްދޭ ނަމަ އެއްވެސް ރައްޔިތަކު އެ ޚިދުމަތް ނުހޯދުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަލީ ނިޒާރު ގޮވާލައްވައިފި އެވެ.
ނިޒާރު މިގޮތަށް ގޮވާލައްވާފައި ވާއިރު އައްޑޫގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ފެނުގެ ޚިދުމަތަށް މި މަހުގެ 24 އިން ފެށިގެން ބިލް ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
"މާލެއަށް ވުރެ 3 ގުނަ ބޮޑުކޮށް އައްޑޫގައި ފެނަށް ޗާޖް ކުރާނަމަ އައްޑޫގެ އެއްވެސް ރައްޔިތަކު ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ގޮވާލަން" ނިޒާރުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ.
އައްޑޫގައި ދޭ ފެނުގެ ޚިދުމަތަށް ބިލް ކުރަން ފަށާ އިރު ފެން ޓަނަކަށް 65 ރުފިޔާ ޗާޖް ކުރާނެ އެވެ. މިއީ ވެރިރަށް މާލޭގައި ފެން ޓަނަކަށް ޗާޖް ކުރާ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ. މާލޭގައި ފެނުގެ ޚިދުމަތްދޭ އެމްޑަބްލިއުއެސްސީ އިން ފެން ޓަނަކަށް ޗާޖް ކުރަނީ 22ރ. އެވެ.